ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި މާލެ ސިޓީގެ ކެމްޕޭން އިވެންޓްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ކުރީގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން ސާފުކޮށް ކިޔައިދީފައިވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ދެ ހަފުތާއަކުން ރާއްޖެއަށް ތެޔޮ އުފުލާ ބޯޓެއް އަތުނުވެއްޖެ ނަމަ، އެސްޓީއޯގެ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހަށް ދަށްވާނެ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް 1.1 ބިލިއަނާއި ދެ ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާނެ ކަމަށާއި ތެޔޮ ބަރާބަރަށް ލިބޭކަން ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް، އުނދަގޫތައް ރައްޔިތުންނަށް ހާމަކޮށް ދޭން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިހާރު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރީ 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގަ އެވެ. ނަމަވެސް އެ އަދަދު 150 އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ދުރާލައި ސަރުކާރުން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.