ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޑައިރެކްޓަ އޮފް އެއާޕޯޓް އޮޕަރޭޝަންސްގެ މަގާމަށް އަހުމަދު މޫސާ (ސޭޓާ) ޕްރޮމޯޓްކޮށްފި އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓް ދާއިރާގެ އެއާޕޯޓް އޮޕަރޭޝަންސްގައި މި މަގާމު ފުރާ ފުރަތަމަ ދިވެއްސަކީ މަޝްހޫރު ނަމުން ނަމަ ސޭޓާ އެވެ. މީ ރާއްޖޭގެ ރިސޯޓެއްގައި އެއާޕޯޓް އޮޕަރޭޝަންސް އަށް ޑައިރެކްޓަރަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ސ. ފޭދުއަށް އުފަން އަހުމަދު މޫސާ މީގެ ކުރިން ހުރީ އެ ރިސޯޓުގެ އެއާޕޯޓް މެނޭޖަރުގެ މަގާމުގަ އެވެ. އެ މަގާމުގައި ހުރެ، ރިސޯޓަށް އަންނަ އަދި ފުރާ މެހެމާނުންގެ އެއާޕޯޓް ތަޖުރިބާ ބެލެހެއްޓުމުގެ ޒިންމާ އޭނާ ވަނީ ވަރަށް ފުރިހަމައަށް އަދާކޮށްފައި ކަމަށް ވޯލްޑޯފް އެސްޓޯރިއާ އިން ބުނެ އެވެ.

އަހުމަދު މޫސާގެ ކެރިއަރު ފެށީ ކ. ޅޮހިފުށި އައިލެންޑް ރިސޯޓުންނެވެ. އޭނާ ވަނީ އަނަންތާރާ ކިހަވައް ވިލާސް، ވައްކަރު މޯލްޑިވްސް، އަދި ވޯލްޑޯފް އެސްޓޯރިއާ އިތާފުށި ހިމެނޭ ގޮތަށް ތިން ރިސޯޓެއްގެ ޕްރީ- އޯޕެނިންގައި މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން މޯލްޑިވިއަން އެއާ ޓެކްސީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގައި ވެސް އޭނާ ވަނީ މަސައްކަތްކޮށް، އެއާޕޯޓް އޮޕަރޭޝަންސްގެ ދާއިރާއިން ތަޖުރިބާ ހޯދައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓާ ޗެއިން ހިލްޓަން އިން ހިންގާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަކީ ހިތްގައިމު ރީތި އަދި ޖާގަ ތަނަވަސް ކޮށް ހަދާފައިވާ 125 ވިލާ ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓުން ވަނީ މިދިޔަ ޖެނުއަރީ މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،117.28 ޑޮލަރު (63،000ރ.) ބަހައިފަ އެވެ.

ގަތަރުގެ މަހުޖަނުންތަކެއް ހިއްސާވެގެން އުފެއްދި އިތާފުށި އިންވެސްޓްމަންޓުން ތަރައްގީކޮށް ޖުލައި 2019 ގައި ހުޅުވި މި ރިސޯޓަކީ ބީއެމްއެލް އާއި ދިރާގު ފިޔަވައި ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ ރިސޯޓެވެ.

މާލެ ކައިރީގައި ހިއްކައިގެން ތަރައްގީކުރި އެ ރިސޯޓަށް ދުނިޔޭގެ މަޝްހޫރު މީހުންނާއި މަހުޖަނުން ގިނަ އަދަދަކަށް ޗުއްޓީ ހޭދަކުރެ އެވެ.