އެޗްބީއޯގެ ކުރިއަށް އޮތް ސީރީޒް "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން"އަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބެމުން އެބަދެ އެވެ.

ހޮލީވުޑްގެ ހަބަރުތަކުން ބުނާ ގޮތުގައި ދާދި ފަހުން ނެރުނު އެ ސީީރީޒްގެ ޓްރެއިލާއަށް ފުރަތަމަ 48 ގަޑިއިރު ތެރޭގައި ވަނީ 277 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މިއާއެކު އެ ޓްރެއިލާ ވެގެން ގޮސްފައިވަނީ އެޗްބީއޯގެ ތާރީހުގައި ވެސް އެންމެ ގިނަ ވިއުސް ލިބުނު ޓްރެއިލާއަށް ކަމަށް ހަބަރުތައް ބުނެ އެވެ.

ޖުމްލަ ހަތް ބަޔަކަށް ބަހާލައިގެން އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގް ލިޔެފައިވާ "ހެރީ ޕޮޓާ" ވާހަކަ ސިލްސިލާގެ މައްޗަށް އުފައްދާ މި ސީރީޒްގެ ކޮންމެ ސީޒަންއަކީ އެ ވާހަކައިގެ ވަކި ފޮތަކަށް ބިނާ ކުރެވިފައިވާނެ ސީޒަން އެކެވެ.

މި ސީރީޒްގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޑޮމިނިކް މެކްލޯގްލިން، ނިކް ފޮރެސްޓް އަދި އަރަބެއްލާ ސްޓެންޓަން ހިމެނެ އެވެ.

މި ސީރީޒްއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު އެ ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ކްރިސްމަސްއާ ދިމާކޮށް ޑިސެމްބަރު މަހު އެވެ.