ކޮވިޑް-19 އާ ގުޅިގެން މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝައިރުކުރި އިއުލާނުގައި ބުނީ، އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި،ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި) ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުން މަނާވާނެ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން އެ ދުވަހުން ފެށިގެން މަނާ ވާނެ އެވެ.

އިތުރަށް އެ އިއުލާނުގައި އެޗްޕީއޭއިން ބުނީ، ފިޔަވަޅު އަޅައިފައިވާ ހާއްސަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން ރަށްރަށް ދަތުރުކުރުން މަނާކުރި އިރު މިހާރު ވެސް 25 ރަށަކަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މީގެ ތެރެެއިން ގިނަ ރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.