މިދިޔަ މަހު ރާއްޖެއަށް 152,000 އަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރިއިރު އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 24 ޕަސެންޓް ދަށް އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް 152,861 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 202,214 ފަތުރުވެރިންނެވެ. އެހެން ކަމުން މިއީ 24.4 ޕަސެންޓް ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ ޖުމްލަ 813,503 ޓޫރިސްޓުން އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 857,386 ޓޫރިސްޓުން އަޅާ ބަލާއިރު 5.1 ޕަސެންޓް ދަށް އަދަދެެކެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރައިފަ އެވެ. އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އިންޓަނޭޝަނަލް ފްލައިޓްތައް އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އުފުލާ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އެނޫން ވެސް މެދުއިރުމަތީގެ ހުރިހާ އެއާލައިނެއްގެ ދަތުރުތައް އެތައް ދުވަހެއް ވަންދެން މެދުކަނޑާލި އެވެ.

ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،668 ޓޫރިސްޓުން އާދެ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް:

  • ޗައިނާ: 122,134 ޓޫރިސްޓުން
  • ރަޝިއާ: 104,174 ޓޫރިސްޓުން
  • އިނގިރޭސިވިލާތް: 72,453 ޓޫރިސްޓުން
  • އިޓަލީ: 65,583 ޓޫރިސްޓުން
  • ޖަރުމަން: 53,564 ޓޫރިސްޓުން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ޓޫރިސްޓުންގެ ތެރެއިން 799,695 ޓޫރިސްޓުން އައީ ވައިގެ މަގުންނެވެ. މި މުއްދަތުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެެއިން އޮޕަރޭޝަނަށް ގެެނެސްފައިވާ ފެސިލިޓީގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު 67,470 ގައި ހުރިއިރު، މި އަދަދު މިހާރު ވަނީ 68,005 އަށް އިތުރުވެފައި ކަމަށް ވެސް އެ ތަފާސްހިސާބުތަކުން އެވެ. މީގެ ތެރެއިން ވެސް އެންމެ ގިނައީ ރިސޯޓުތަކާއި، މެރީނާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ ފެސިލިޓީތަކެވެ.