އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސިޓީގައި ވެކްސިން ޖެހުން ދުވާލުގެ ވަގުތަކަށް ބަދަލުކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ މިރޭ މާލެ ސިޓީގެ ހުރިހާ ވެކްސިން ސެންޓަރުތަކެއް ބަންދުކުރާނެ ކަމަށެވެ.

ވެކްސިން ސެންޓަރުތަށް ބަންދުކުރަން ނިންމީ މިރެއިން ފެށިގެން މާލޭގައި ކާފިއު ހިންގާތީ އެވެ. އެގޮތުން 9:00 އިން ފަތިހު 4:00އަށް އެއީ ކާފިއު ވަގުތެވެ.

ދުވާލު ވަގުތު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:00އަށް ކަމަށެވެ.

ހަމައެކަނި ރޭގަނޑު ވެކްސިން ޖެހުމުގެ ކުރިއަށް ގެންދާތީ ކިޔު ބޮޑުވެ ގިނައިރު މަޑުކުރަން ޖެހުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. ނަމަވެސް އެޗްޕީއޭއިން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮވިޑު ހަލުވިކަމާއެކު ފެތުރެމުންދާއިރު ޑޮކްޓަރުން އިލްތިމާސް ކުރައްވަނީ ވީހާ ވެސް އަވަހަކަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށެވެ.