ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފި އެވެ.

ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުން އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ޑޭން ޔޫރަޕްގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ، ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފަ އެވެ.

ގެއްލުނު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައި ވަނީ، އެމީހުން ޑައިވް ކުރި ވ. އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅައިގެ ތެރެއިންނެވެ. މި މީހުންގެ ތެރެއިން ދެ މީހުންގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު، މިއަދު ވަނީ އަނެއް ދެ މީހުންގެ ހަށިގަނޑު ވެސް ކަނޑުން ނަގައި އޮޕަރޭޝަން ނިންމާލާފަ އެވެ.

ވ. އަތޮޅު ކޭވްއަކަށް ޑައިވްއަކަށް ގޮސް އުޅުނިކޮށް ގެއްލުނު ހަތަރު މީހަކު ހޯދުމުގައި ޑޭން ޔޫރަޕްގެ ޑައިވަރުން ހަރަކާތްތެރިވަނީ. ފޮޓޯ: ޑޭން

ޕީއެސްއެމް ނިއުސްއަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އެމީހުންގެ ހަށިގަނޑުތައް ކަނޑުން ނެގުމަށްފަހު، ހަށިގަނޑު ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެމީހުންގެ ހަށިތައް އިޓަލީއަށް ފޮނުވާލުމާ ގުޅޭގޮތުން އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށައިފަ އެވެ.

ވ. އަތޮޅު ކޭވްއަކަށް ޑައިވްއަކަށް ގޮސް އުޅުނިކޮށް ގެއްލުނު ހަތަރު މީހަކު ހޯދުމުގައި ޑޭން ޔޫރަޕްގެ ޑައިވަރުން ހަރަކާތްތެރިވަނީ. ފޮޓޯ: ޑޭން

މި ހާދިސާގައި ގެއްލުނީ، އެ އުޅަނދުން ޑައިވިންއަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.

މި މީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންނަކީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެކެވެ.