ހާއްސަ ރަސްމިއްޔާތުތަކާއި ހަފްލާތަކުގައި ރަތްދޫލަ ބޭނުންކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ކަމެކެވެ. ސަރުކާރުގެ ރަސްމީ ހަރަކާތްތަކުން ފެށިގެން މުނިފޫލިފިލުވުމުގެ ހަފްލާތަކުގައި ވެސް "ރެޑް ކާޕެޓް" އަކީ އާއްމުކޮށް ފެންނަ އެއްޗެކެވެ.
ނަމަވެސް ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު އައްގައުމު ކަމަށްވާ ސައޫދީ އަރަބިއާގެ އާދަކާދަ ތައް މުޅިން ތަފާތެވެ. ޙާއްސަ ރަސްމިއްޔާތުތަކާއި ހަފުލާތަކުގައި ދަނބުކުލައިގެ ދޫލަ ބޭނުން ކުރުމަކީ ކުރިން ވެސް އެ ގައުމުގައި ކޮށް އުޅުނު ކަމެއް ނަމަވެސް އެކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ސަރުކާރުގެ އިދާރާތަކާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކުރީ މިއަދަށްފަހު އެ ގައުމުގެ ސަރުކާރު ހަރަކާތްތަކާއި ރަސްމީ ހަފުލާތަކުގައި ދެން ބޭނުން ކުރެވޭނީ މަޑު ދަނބު ނުވަތަ "ލެވެންޑާ" ކުލައިގެ ދޫލަ ކަމަށެވެ.
ދަނބުކުލަ އެ ގައުމަށް ހާއްސަވަނީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގެ ގުނަ ކަންކޮޅުތަކެއްގައި އެއްގޮތަކަށް ކުރަމުން އަންނަ ކަމެއް އެ ގައުމުގައި ބަދަލު ކުރީ ކީއްވެ ހެއްޔެވެ؟
ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ދަނބުކުލައަކީ ސައޫދީ އަރަބިއާގެ އަމިއްލަވަންތަކަން ރަމްޒު ކޮށްދޭ ކުލަ އެކެވެ. ސަހަރާތައް ގިނަ އެ ގައުމުގައި ދަނބުކުލައަކީ ބަހާރުގެ މޫސުމުގައި އެސަހަރާތަކުން ފެންނަ މަންޒަރުތަކުގެ މައި ކުލަ އެވެ. މަޑު ދަނބު ކުލައިގެ މާމެލާމެލިން އެ ސަހަރާތަކަށް ދިރުމެއް ގެނުވަ އެވެ.
މީގެ އިތުރުންވެސް ދަނބުކުލަ އަކީ ސައޫދީ އަރަބިއާގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭ ކުލަ އެއް ކަމަށް ވެސް އެ ގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ. އެގޮތުން ދަނބު ކުލަ އަކީ އެގައުމުގައި ޒަމާނުއްސުރެ ކުރެވެމުން އައި އަތްތެރި މަސައްކަތެއް ކަމަށްވާ "ސަދޫ" ވިޔުމުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ކުލައެކެވެ.
މިސަބަބަށްޓަކައި ދަނބުކުލައަކީ ސައޫދީ އަރަބިއާއަށް ގައުމެއްގެ ގޮތުގައި ހާއްސަ ކުލައެކެވެ. އަމިއްލަވަންތަމާއި މިނިވަންކަން ދައްކުވައިދޭތީ އެވެ. ސަގާފަތާއި އާދަކާދަ ރަމްޒު ކޮށްދޭތީ އެވެ.