ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޙަމަލާގައި ލިބިވަޑާއިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ބައެއް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބު ކަމަށެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެކޮޅުން ނުކުނަވައިގެން ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާދީފައިވަނީ ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށްގެން ގޮއްވާލައިގެންނެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30 ހާއިރު އެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔައިރު ގިނަ ޒަޚަމްތަކެއްހުރި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އަދިވެސް މުހިއްމު އެއް ޕްރޮސީޖާ ހަދަންޖެހޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށްކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އައި އޭޑީކޭއިން ބުންޏެވެ.

ރޭގެ ހަމަލާގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ދެ ހަށިފާރަވެރިންގެ އިތުރުން އާއްމުންގެ މީހަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު ވެސް ވަނީ ޒަހަމްވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރު 2:00ގައި ހާއްސަ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.