މިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އޭޕްރިލް 1 ވަނަ ދުވަހު މަސައްކަތް ފެށި ކަމަށް ބުނި ބ. އިންތިހާބާ ދަރަންވަދޫ އެއާޕޯޓްގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތަށް ކޮންޓްރެކްޓަރަކު މިހާތަނަށް ހަމަޖައްސާފައި ނެތްކަން ހާމަވެއްޖެ އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ބުނީ ޓާމިނަލްގެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުރިން ކޯސްޓްލައިން ކުންފުނިން ތަރައްގީކޮށް ބެލެހެއްޓި އެއާޕޯޓު ތަރައްގީކޮށް ހިންގަން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ ވެސް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޕްރިލް އެކެއްގަ އެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އެއާޕޯޓު ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރުމުން އެތަނުގެ ޓާމިނަލުގެ ޑިޒައިން މަސައްކަތް ނިންމާފައިވާ ކަމަށެވެ.
"މިހާރު މިދަނީ ކޮންޓްރެކްޓަ އެޕޮއިންޓް ކުރުމުގެ މަސައްކަތް. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމާފައި މަސައްކަތް ކުރަނީ މިއަހަރު ފަހުކޮޅު މިތަނުގެ އަމަލީ މަސައްކަތް ފެށުމަށް،" އިޔާސް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ ޓާމިނަލް ތަރައްގީކޮށް ނިމުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި އެ ޓާމިނަލުގައި 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ހާއްސަ "ބޭބީ ކެއާ" ފެސިލިޓީއެއް ވެސް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ މަޝްރޫއު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
"ރައީސްގެ ހުށަހެޅުމަކަށް ސެނެޓުން ނޫނެކޭއެއް ނުބުނާނެ"
ޑޭވިޑްގެ ތައުރީފު ދަރިފުޅު ވަރުންއަށް ބަންޑުން ކޮށްލައިފި