އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ދެ ގައުމުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ. ނަމަވެސް، މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަސްމީކޮށް ހުއްދަ ދެއްވާފައި ނުވާއިރު، އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނަމުންދަނީ އެއްބަސްވުން އަދި ފައިނަލް ނުވާ ކަމަށެވެ.
މިކަމާ ގުޅުންހުރި އޮފިސަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރު 60 ދުވަހަށް ދެމިގެންދާނެއެވެ. އަދި ދެ ގައުމުގެ މެދުގައި ހުރި ނިއުކްލިއާ ޕްރޮގްރާމް ފަދަ އުނދަގޫ މައްސަލަތަކަށް މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅިން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމަށް ވޮޝިންޓަނާއި ތެހެރާނުން ހުއްދަ ދީފިނަމަ، މިއީ ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ސުލްހައާ ދިމާލަށް އެޅޭ އެންމެ ބޮޑު ފިޔަވަޅަށް ވެގެންދާނެއެވެ. މި އެއްބަސްވުމުގެ ހަބަރުތައް ފެތުރިފައި މިވަނީ، އޭޕްރީލް މަހުގެ ކުރީކޮޅު ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން، ދެ ގައުމުގެ މެދުގައި ދެވުނު އެންމެ ވަރުގަދަ ހަމަލާތަކަށް ފަހުގަ އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށާއި، ނަމަވެސް އަދި އެކަން މުޅިން ނިމިފައިނުވާ ކަމަށެވެ. ޓްރަމްޕް ސަރުކާރުން މީގެ ކުރިން ވެސް އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އީރާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން، ހޮރްމުޒް ކަނޑުއޮޅިން އެއްވެސް ހުރަހެއް ނެތި އުޅަނދުފަހަރަށް ދަތުރުކުރެވޭނެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބްލޮކޭޑް ނުވަތަ ބަންދުތައް އުވާލަންޖެހޭނެއެވެ. އަދި އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެމެރިކާއިން އުވާލަންޖެހޭނެއެވެ.
މި ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. އެއީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވިދާނެ ކަމުގެ އުންމީދުގަ އެވެ.
މަޝްވަރާތައް ކުރިއަށްދާއިރު ވެސް ސަރަހައްދުގައި ނުތަނަވަސްކަން އޮތީ އިންތިހާއަށެވެ. އެމެރިކާއިން ބުނި ގޮތުގައި އީރާނުގެ ފަސް ޑްރޯންއެއް ވަނީ ވައްޓާލާފަ އެވެ. އަދި އީރާނުން ވަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފަ އެވެ. އީރާނުން ބުނާ ގޮތުގައި އެއީ އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެކެވެ. ކުވައިތުން ވަނީ މި އަމަލު ކުށްވެރިކޮށް، މަސްރަހު ގޯސްވިޔަނުދިނުމަށް ގޮވާލާފަ އެވެ.
މި ހަމަލާތައް ދީފައިވަނީ މުޅި ސަރަހައްދުގައި އީދު ފާހަގަކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޓްރަމްޕް ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ދެ ގައުމުގެ ޑިމާންޑްތައް ހުރީ ވަރަށް ތަފާތުކޮށެވެ. އީރާނުން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެމެރިކާ ސިފައިން ސަރަހައްދުން ފޭބުމަށެވެ. އެމެރިކާއިން ބާރުއަޅަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށެވެ. މީގެ އިތުރުން، ލުބުނާނުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަކީ ވެސް އީރާނުން ކުރިމަތިކުރާ ޝަރުތެކެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އީރާނާއެކު އޮމާނުން މަސައްކަތް ނުކުރުމަށް އެމެރިކާއިން ވަނީ އިންޒާރު ދީފަ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެފަދަ ކަމެއް ކޮށްފިނަމަ އޮމާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ. ނަމަވެސް، އޮމާނުން ބުނެފައިވަނީ އެފަދަ ފީއެއް ނެގުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އެ ގައުމުން އަބަދުވެސް ބާރުއަޅަނީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ކަމަށެވެ.
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
ދަރްމެންދްރާއަށް އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި އެވޯޑް!