ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިނގިރޭސިވިލާތުން ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެން ރާއްޖެ އިން އެ ގައުމަށްދާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހަލާތު ގޯސްވަމުން އަންނާތީ އިނގިރޭސި ސަރުކާރުން ވަނީ ރާއްޖެ ރެޑް-ލިސްޓްކުރުމަށް ނިންމާފަ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިނގިރޭސި ސަރުކާރުން "ރެޑް-ލިސްޓް" ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނަން ނިންމުމާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެ ގައުމަށްދާ މީހުން 10 ދުވަހު ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުވާ ދެވަނަ ދުވަހާއި އަށްވަނަ ދުވަހު ކޮވިޑް ޓެސްޓް ހަދަންޖެހޭ ކަމަށާއި ކަރަންޓީން ވާން ޖެހޭނީ އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާތަނެއްގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ނިންމުމަށް ބަދަލު އައިސްދާނެތީ އިނގިރޭސިވިލާތަށް ދާ ފަރާތްތަކުން ދުރާލާ މައުލޫމާތު ސާފުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިނގިރޭސިވިލާތާއި އަޔަލެންޑް އަދި ޔޫކޭގެ ރަށްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ގައުމުތަކުގެ މީހުން އެ މުއްދަތުގައި ކަރަންޓީނު ފުރިހަމަ ނުކޮށް އެ ގައުމަށް އެތެރެވުން މަނާވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިނގިރޭސިވިލާތަށް އެތެރެވާން ހުއްދަ ލިބިފައިވާ ގައުމުތަކުގެ ރައްޔިތުން ވެސް އެ ގައުމަށް އެތެރެވުމުގެ ދިހަ ދުވަސް ކުރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ނަމަ އެގައުމުގައި ކަރަންޓީނުވާން ޖެހޭ އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ރާއްޖެއިން ކޮވިޑް ޖެހޭ މީހުން އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި އެ ބަލީގައި ކޮންމެ ދުވަހަކު ގޮތަކަށް ބަޔަކު ނިޔާވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.