ރާއްޖޭގައި އުޅެނީ ކޮވިޑްގެ މާ ނުރައްކާތެރި ވައްތަރެއް ކަމަށް ކޮވިޑް ބަލި މީހުންނަށް ފަރުވާދިނުމުގައި އިސްކޮށް އުޅޭ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ އާ ވައްތަރެއް އުޅޭކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ރާއްޖޭގައި އުޅޭ ވައްތަރު މާބޮޑަށް ނުރައްކާ ކަމަށާއި، ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމަށެވެ.

ކޮވިޑްގެ މިފަދަ ނުރައްކާތެރި ވައްތަރެއް ރާއްޖޭގައި އޮތުމުން ދެން ކުރެވެން އޮތް ކަމަކީ ކޮންމެ މީހަކު ވެސް ދުއާކޮށް، އެމީހަކާ ގާތުން ދިމާވާ މީހުންގެ އަދަދު މަދު ކުރުން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު ކޮންމެ މީހަކު ވެސް ރަނގަޅަށް މާސްކް އަޅައި، އަތް ދޮވުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް 700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 571 މީހުން ޕޮޒިޓިވްވިއިރު، 171 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 23 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.