ހަށިގަނޑުގެ ހެދިބޮޑު ވުމަށާއި ހަލާކުވާ މަސްތައް އާލާ ކުރުމަށް ޕްރޮޓީންއަކީ ކޮންމެހެން ބޭނުންތެރި މާއްދާ އެކެވެ. އެހެން ނަމަވެސް، ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ ކަމަށް ބުނެވޭ އުސޫލުން، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ޕްރޮޓީން އެތެރެ ވުމުން ވެސް ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށް މާހިރުން ބުނެ އެވެ.
ހާއްސަ ގޮތެއްގައި ގުދުރަތީ ވަސީލަތްތަކުން ލިބޭ ޕްރޮޓީންއަށްވުރެ ބޮޑަށް ސަޕްލިމެންޓްސް ނުވަތަ ޕްރޮޓީން ޕައުޑަރު މާ ގިނައިން ބޭނުން ކުރުމުން ގުނަވަންތަކަށް ވާ ގެއްލުން މާ ބޮޑު ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.
ގިނައިން ޕްރޮޓީން ކެއުމުން ދިމާވާ ސިއްހީ މައްސަލަތައް
ސިއްހީ މާހިރުންނާއި ނިއުޓްރިޝަނިސްޓުން ފާހަގަކުރާ ގޮތުގައި، ހަށިގަނޑަށް ކެތްނުވާ ވަރަށް ޕްރޮޓީން ލިބުމުން ހަށިގަނޑަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ އެވެ.
- ކިޑްނީއަށް ބާރު ބޮޑުވުން: ޕްރޮޓީން ހަޖަމު ވުމުން އުފެދޭ ނައިޓްރޯޖަންގެ ބާވަތްތައް ހަށިގަނޑުން ބޭރު ކުރަންޖެހެނީ ކިޑްނީ މެދުވެރި ކޮށެވެ. ޕްރޮޓީން މާ ގިނަވުމުން ކިޑްނީއަށް ކުރަންޖެހޭ މަސައްކަތް ދެގުނަވެ ދިގު މުއްދަތެއްގައި ކިޑްނީ ބަލިތަކަށް މަގުފަހިވެ އެވެ.
- ހަޖަމުކުރުމުގެ މައްސަލަތައް: ކާނާގައި ޕްރޮޓީން ގިނަކޮށް ފައިބާ މަދުވުމުން ބަނޑުހައިވުމާއި، ބަނޑުހަރުވުން އަދި ބަނޑުގައި ވައި ހެދުން ފަދަ އުނދަގޫތައް ކުރިމަތިވެ އެވެ.
- ބަރުދަން އިތުރުވުން: ގިނަ މީހުން ހީކުރާ ގޮތުގައި ޕްރޮޓީން ގިނައިން ކެއުމުން ބަރުދަން ލުއިވާނެ އެވެ. ނަމަވެސް، ހަށިގަނޑަށް ބޭނުންވާ ކެލޮރީއަށްވުރެ އިތުރަށް ބޭނުންކުރާ ޕްރޮޓީން، ހަށިގަނޑުގައި ރައްކާ ކުރެވޭނީ ސަރުބީގެ ގޮތުގަ އެވެ.
- ނޭވާ ލާއިރު ނުބައި ވަސް ދުވުން: ކާބޯހައިޑްރޭޓްސް މަދުކޮށް ޕްރޮޓީން އެކަނި ގިނައިން ކެއުމުން ހަށިގަނޑު "ކީޓޯސިސް" ހާލަތަކަށް ގޮސް އަނގައިން ނުބައި ވަސްދުވާ ގޮތްވެ އެވެ.
ދުވާލަކު ބޭނުންވަނީ ކިހާވަރެއް؟
އާދައިގެ ދިރިއުޅުމެއް އުޅޭ ބޮޑު މީހަކަށް ދުވާލަކު ބޭނުންވަނީ އޭނާގެ ހަށިގަނޑުގެ ކޮންމެ ކިލޯގްރާމަކަށް 0.8 ގްރާމްގެ ޕްރޮޓީންއެވެ. (މިސާލަކަށް ބަރުދަނުގައި 60 ކިލޯ ހުރިނަމަ ބޭނުންވަނީ ގާތްގަނޑަކަށް 48 ގްރާމް ޕްރޮޓީން އެވެ). ގަވާއިދުން ކަސްރަތުކުރާ މީހުންނަށް މިއަށްވުރެ ކުޑަކޮށް ގިނައިން ބޭނުން ވެދާނެ އެވެ.
މާހިރުންގެ ލަފާ: ބަދަލުކުރަންވީ ކޮންކަމެއް؟
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ހަމައެކަނި އެއް މާއްދާއަކަށް ބަރޯސާ ވުމުގެ ބަދަލުގައި، ހަށިގަނޑަށް ހުރިހާ މާއްދާތަކެއް ހަމަހަމައަށް ލިބޭ "ބެލެންސްޑް ޑައިޓް"އެއް ގެންގުޅުމަށެވެ.
ކާނާގެ ތެރޭގައި ޕްރޮޓީންގެ އިތުރުން ތަރުކާރީއާއި، މޭވާއާއި، ހޯލް-ގްރެއިންސް ހިމެނުމުން ހަށިގަނޑުގެ ހުރިހާ ނިޒާމެއް ރަނގަޅަށް މަސައްކަތް ކުރާނެ އެވެ.
އެހެންކަމުން އެއްވެސް ޑޮކްޓަރެއް ނުވަތަ ނިއުޓްރިޝަނިސްޓެއްގެ ލަފައަކާ ނުލާ އަމިއްލައަށް މާ ގިނައިން ޕްރޮޓީން ސަޕްލިމެންޓްސް ބޭނުން ކުރުން ހުއްޓާލައި ގުދުރަތީ ކާނާއިން ޕްރޮޓީން ހޯދުމަށް ސަމާލުކަން ދޭން ޖެހެ އެވެ.
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
މެންބަރުން ހަމަނުވެ 'ދަ ޑިމޮކްރެޓްސް' އުވާލައިފި