"ޓޮޕް ގަން: މެވްރިކް" އަދި "ޖުމާންޖީ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ އުމުރުން 81 އަހަރުގެ މަގުބޫލު އެކްޓަރު ޖޭމްސް ހޭންޑީ، ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ ރިޕޯޓުތައް ބު ނާގޮތުގައި، ކެލިފޯނިއާގެ ތާޒާނާގައި ހުންނަ ހޭންޑީގެ ގޭގެ ކުރިމަތީ ގޯތި ތެރެއިން އޭނާ ހަބަރު ހުސްވެފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާގެ މޭމައްޗަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި، ހޭންޑީގެ ލޯބިވެރިޔާގެ ދަރިއެއް ކަމަށްވާ އުމުރުން 44 އަހަރުގެ މައިކަލް ގްލެޑްހިލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބުނީ 911 އަށް ގުޅައި، "އަހަރެން މިއީ އިންސާނެއްގެ ދަރިއެއް، އަހަރެން މިއަދު ފާފަވެރިޔަކު މަރާލައިފިން" ކަމަށް ބުނެ ދިން މައުލޫމާތަކާ ގުޅިގެންނެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ތުހުމަތުކުރެވޭ ގްލެޑްހިލް އަމިއްލައަށް މަގުމަތިން ފުލުހުންނަށް އިޝާރާތްކޮށް އެމީހުން ހޯދަމުންދާ މީހަކީ އޭނާ ކަމަށް ބުނެފައިވާ ކަމަށް ލޮސް އެންޖެލިސް ފުލުހުން ހާމަކުރެ އެވެ.

ލޮސް އެންޖެލިސް ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މީހާ ދިރިއުޅެނީ އޭނާގެ މަންމައާއެކު އެ ގޭގައި ކަމަށާއި، މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި ވަކި ހާދިސާއެއް ކަމަށް ބެލެވޭތީ އާންމުންނަށް މީގެއިން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ގްލެޑްހިލް މިހާރު ހުރީ ވެން ނައިސް ޖަލުގައި ބަންދުކޮށްފަ އެވެ. އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ އަގަކަށް ދެ މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.

ނިއުޔޯކަށް އުފަން ޖޭމްސް ހޭންޑީ އަކީ ހޮލީވުޑްގައި 60 އަހަރަށްވުރެ ދިގު މުއްދަތެއްގެ ކެރިއަރެއް ބިނާކޮށްފައިވާ ފަންނާނެކެވެ. އޭނާ އާންމުކޮށް ފެނިގެން ގޮސްފައިވަނީ ސަޕޯޓިންގް ރޯލުތަކުންނެވެ.

އޭނާ ކުޅެފައިވާ މަޝްހޫރު ބައެއް ސިލްސިލާތަކާއި ފިލްމުތަކުގެ ތެރޭގައި "އެންވައިޕީޑީ ބްލޫ"، "ލޯ އެންޑް އޯޑާ"، "ދަ އެކްސް" އަދި "ލޯގަން" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ 2022 ވަނަ އަހަރު ނުކުތް ބްލޮކް ބަސްޓާ ފިލްމު "ޓޮޕް ގަން: މެވްރިކް" އިންނެވެ. އެ ފިލްމުގައި އޭނާ އަދާކުރީ ޖެނިފާ ކޮނެލީގެ ކެރެކްޓާއާއެކު ބާރެއްގައި މަސައްކަތްކުރާ ބާޓެންޑަރެއް ކަމަށްވާ "ޖިމީ" ގެ ރޯލެވެ.

ހޭންޑީގެ ކުއްލި ވަކިވުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.