ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި މީހާ ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ ޣާޒީ ސްކޫލް ސަރަހައްދުގައި ހުރި ފްލެޓަކުން ފުލުހުން އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އިއްޔެ ފުލުހުން ވަނީ އެ މީހާ ހޯދުމަށްޓަކައި ފޮޓޯއެއް އާންމުކޮށްފަ އެވެ. ހާދިސާ ހިނގި ވަގުތު ނަޝީދުގެ ކާރުކޮޅު ކައިރީ ޝައްކު ކުރެވޭ ގޮތަށް އެމީހާ ހަރާކަތްތެރިވެފައިވާ ކަމަށް ވީޑިއޯ އިން ފެނެ އެވެ.

އެ މައްސަލަ އާއި ގުޅިގެން މީގެކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު ކަަމަށެވެ. އެ ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި އައިއީޑީ ހަރުކުރި ސައިކަލްގެ ވެރިޔާ އަކީ އެ މީހުންގެ ތެރެއިން ތަހުމީނު ކަމަށް ފުލުހުން ބުންޏެވެ.

ނަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް އިއްޔެ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ފުލުހުން އާންމު ކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރު ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ.

އެ ހަމަލާގައި ނަޝީދުގެ އިތުރުން ތިން މީހަކަށް އަނިޔާ ލިބުނެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ފަރުވާއަށް އޭޑިކޭ ހޮސްޕިޓަލަށް އެމަނިކުފާނު ވަގުތުން ވަނީ ގެންދެވިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަތަރު ސާޖަރީއެއް ހަދައިފަ އެވެ.

އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށްފަހު މިހާރު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

އެ ހާދިސާއަށްފަހު ނަޝީދު ވަނީ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ވެސް ދައްކައިފަ އެވެ. ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކުރިއަށްވުރެ ގަދަކޮށް އަލުން މަސައްކަތަށް ނުކުންނާނެ ކަމަށެވެ.