ސޯޝަލް މީޑިއާ އަދި އެހެންވެސް މަސްދަރެއް ބޭނުންކޮށްގެން ވެސް ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަކަށް ވާހަކަ ދައްކާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ ތަހުގީގް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރެރިޒަމްގެ ގާނޫނުގެ މާއްދާތަކާ ހަވާލާދީ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެކި ފަރާތްތަކުން ތަފާތު މައުލޫމާތުތައް ސޯޝަލް މީޑިއާ އާއި ބައެއް އޮންލައިން ނޫސްތަކުގެ ކޮމެންޓްގައި ބައިގައި ހިއްސާ ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން އެފަދަ ހަމަލާ ހިންގުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ހިތްވަރު ލިބޭގޮތައް ކޮމެންޓް ކުރައްވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
މިބާވަތުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ޝައުގުވެރިކުރުވުމާއި، ނޫނީ ތާއީދުކުރާ ކަމަށް ދެއްކުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ، އަދި އެހެން ގާނޫނުތަކުން ވެސް އަދަބު ކަނޑަޅިފައިވާ ޖިނާއީ ކުށްތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ
"މިގޮތަށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބިދޭ ގޮތަށް ކޮމެންޓުކޮށް ނޫނީ ތާއިދުކޮށް، އެމީހުންގެ މައްޗަށް ހަމްދަރުދީ އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާލަން،" އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށްޓަކައި މިތަހުގީގު ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު ކުރިއަށްދާ ތަހުގީގުން ހަމައެކަނި ބަލަމުން އަންނަނީ ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާގެ އިތުރުން ސޯޝަލް މީޑިއާ އާއި އެހެން މަސްދަރުތަކުގައި އެފަދަ ހަމަލާ ދިނުމަށް ހިތްވަރުދޭ މީހުންގެ ތަހުގީގުވެސް ކުރަމުން އަންނަނ ކަމަށް ސީޕީ ވިދާޅުވި އެވެ.