ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ރޭ ސައުދީ އަރަބިއްޔާ އަތުން 4-0 އިން މޮޅުވެ ސްޕެއިން ހަމަޖެހިލިއިރު، މި ގުރޫޕްގައި މިއަދު ކޭޕް ވާޑް އާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.
މި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ސްޕެއިން މުބާރާތުގައި ކުޅުނު މެޗުގައި ކޭޕް ވާޑްއާ އެއްވަރުވުމުން، ފާޑުކިއުންތައް އަމާޒުވެފައި އޮތުމުން ރޭގެ މެޗު ސްޕެއިން ފެށީ ވަރުގަދަކޮށެވެ.
ފުރަތަމަ މެޗާ ހިލާފަށް، ރޭގެ މެޗަށް ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ނެރުނު ފުރަަތަމަ 11ގައި ބާސެލޯނާގެ ތަރި ލަމީން ޔަމާލް އެރުވި އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، ދެ މަސް ދުވަހުގެ ތެރޭގައި ޔަމާލް ކުޅުނު ފުރަތަމަ މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެެޗެވެ. އެ މެޗުގައި އޭނާ ކުޅެން އެޜީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ސްޕެއިނަށް ލީޑު ހޯދައިދިނީ ޔަމާލެވެ. އަދި ފުރަތަމަ ހާފުގައި ސްޕެއިންގެ މިޑްފީލްޑަރު މިކޭލް އަޔަރްޒަބާލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ސްޕެއިންގެ ހަތަރު ވަނަ ލަނޑަކީ ސައުދީ އަރަބިއްޔާގެ ހަސަން އަލްޓަމްބަކީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މެޗުން މޮޅުވެ ސްޕެއިން ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ މެޗުން ސައުދީ އަރަބިއްޔާ އޮތީ އެއް ޕޮއިންޓާއެކު އެވެ.
މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑް އިން ވަނީ ރޭ އުރުގުއޭއާ 2-2 އިން އެއްވަރުކޮށް، މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ވެސް ޕޮއިންޓެއް ހޯދައިފަ އެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑް އިން ޕޮއިންޓެއް ހޯދީ ސްޕެއިން އަތުންނެވެ.
މެޗުގެ 21 ވަނަ މިނިޓުގައި ކޭޕް ވާޑުން ލީޑު ހޯދީ ކެވިން ޕިނާ ޖެހި ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސީ އަރުހޯ އާއި އޮގުސްޓިން ކަނޮބީއޯ ޖެހި ދެ ލަނޑާއެކު، އުރުގުއޭ އިން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލި އެވެ.
އެހެން ނަމަވެސް، އުރުގުއޭގެ ތަޖުރިބާކާރު ގޯލްކީޕަރު ފެނާންޑޯ މުސްލެރާ ހެދި ގޯހެއްގެ ފައިދާ ނަގައި، ކޭޕް ވާޑްގެ ހޭލިއޯ ވަރޭލާ ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެވަނަ މެޗުން ވެސް ހޯދި ޕޮއިންޓާއެކު، ކޭޕް ވާޑުން ވަނީ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފަ އެވެ. މި ގުރޫޕްގައި ކުޅެންޖެހޭ ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަތުން މޮޅުވެއްޖެނަމަ، ކޭޕް ވާޑަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
އުރުގުއޭ މި ގުރޫޕްގައި ކުޅުނު ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގައި ކުޅޭ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. – އޭއެފްޕީ
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ކާބޯތަކެތީގެ އަގުތައް %10 އުފުލިދާނެ ކަމުގެ އިންޒާރެއް