ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، "ދަނޑުވެރި ނަފާ" އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތައާރަފްކޮށްފި އެވެ. މި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން ފޯރުކޮށްދިނުމަށް އަދި އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
މިފައިނޭންސިންގ އަކީ އިގްތިސާދު ފުޅާކުރުމަށްޓަކައި އެ މަސައްކަތްތަކަށް އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެ އެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެއެވެ. މިފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %6 ގެ ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.
މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިން، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން، އަދި އެގްރޮފޮރަސްޓްރީފަދަ މަސައްކަތްތައް ހިމެނެ އެވެ. މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށްވެސް މި ފައިނޭންސިންގެ ދަށުން ފައިނޭންސް ދޫކުރެވިގެންދާނެ އެވެ.
މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، ދަނޑުވެރި ނަފާ" އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިންގ ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވެޅެއް ކަމަށެވެ.
"މި ފައިނޭންސިންގ މެދުވެރިކޮށް ދަނޑުވެރިންނަށް ކުރިއެކޭ އެއްފަދައިން ލުއި ގޮތްތަކެއްގެ މަތިން އަތްފޯރާފަށުގައި ފައިނޭންސިންގ ލިބޭނެ. މި ފަދަ ފައިނޭންސިންގެ ސަބަބުން ކުދި ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބުން" އެވެ.
މި ފައިނޭންސިންގ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަ އުސޫލުތަކެއްގެ މަތިން މާލީ އެހީތެރިކަން ލިބޭނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ހިތްވަރާއި، އެކަމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މިފަދަ ފަސޭހަ މާލީ އެހީތެރިކަމުގެ ނިޒާމުތައް ތައާރަފުކުރުމަކީ، ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް، މި ދާއިރާގެ ދައުރު ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 22 ވަނަ ދުވަހު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ އެވެ.
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި
ދިލްޖީތުގެ ނަމުގައި އެމެރިކާގައި ހާއްސަ ބަންދު ދުވަހެއް!
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވައިފި
