ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އައިގައި ރޭ އީރާގް އަަތުން 3-0 އިން މޮޅުވެ ފްރާންސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، ސެނެގާލް އަތުން 3-2 އިން މޮޅުވެ ނޯވޭވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
އެމެރިކާގައި ރޭ ކުޅުނު މެޗުގައި އިރާގް އަތުން ފްރާންސް މޮޅުވީ ކިލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއި އުސްމާނޭ ޑެމްބެލޭ ޖެހި ލަނޑުންނެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 16 ލަނޑު ހަމަކޮށް، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލައިފަ އެވެ. އެމްބާޕޭ 16 ލަނޑު ހަމަކޮށްފައިވަނީ 16 މެޗުންނެވެ.
ފްރާންސާއި އިރާގް ކުޅުނު މެޗަކީ މި އަހަރުގެ ވޯލްޑް ކަޕްގައި މޫސުން ގޯސްވެގެން މެދުކަނޑާލަން ޖެހުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފަށްފަހު، މޫސުން ގޯސްވެގެން މެޗު މެދުކަނޑާލި އެވެ. ދެވަނަ ހާފު ފެށުނީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. ވިއްސާރައިގެ ސަބަބުން މި މެޗަށް ސަޕޯޓަރުން ދަނޑަށް ވެއްދީ ވެސް މެޗު ފެށި ފަހުންނެވެ.
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމުގެ އުންމީދުގައި އޮތް ފްރާންސް ބާކީ އެއް މެޗު އޮއްވައި، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާއެކު އެވެ.
މި ގުރޫޕްގައި ރޭ ސެނެގާލް އަތުން ނޯވޭ މޮޅުވިއިރު، އެ ޓީމުގެ ތަރި އާލިން ހާލަންޑް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ މާކަސް ޕެޑަސަން އެވެ.
މި މުބާރާތުގައި ނޯވޭ މިހާތަނަށް ކުޅުނު ދެ މެޗުން، ހާލަންޑް ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހައިފަ އެވެ.
ސެނެގާލްގެ ކެޕްޓަން ކަލީޑޫ ކުލިބާލީ އާއި އިސްމާއިލާ ސާ އެ ޓީމަށް ފަރަގުކުޑަކޮށްދިން ނަމަވެސް، ސެނެގާލް ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެވަނަ ބައްޔާ ކުރިމަތިލާންޖެހިފަ އެވެ.
ނޯވޭ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ގުރޫޕްގެ ފަހު މެޗުގައި ނޯވޭ ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.
ސެނެގާލަށް ދެވަނަ ބުރުގެ އެއްވެސް ފުރުސަތެއް ދެން އޮތީ ގުރޫޕްގައި ކުޅޭ ފަހު މެޗުގައި އިރާގް ބަލިކޮށްގެނެެވެ.
ފިނޭންސް މިނިސްޓަރަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި