ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އައިވަރީ ކޯސްޓް އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
އައިވަރީ ކޯސްޓް އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައި ވަނީ ގްރޫޕް އީ ގައި ކުރަސާއޯ އާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި 60،000 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އައިވަރީ ކޯސްޓް އިން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ނިކޮލަސް ޕެޕޭ އެވެ. މިއީ ފީފާ ވޯލްޑްކަޕްގެ ތާރީޚުގައި ވެސް އެ ގައުމު މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އައިވަރީ ކޯސްޓް އާއި ދެކޮޅަށް ކުޅޭނީ ފްރާންސް ނުވަތަ ނޯވޭ އެވެ.
މި ނަތީޖާ އާއިއެކު އައިވަރީ ކޯސްޓަށް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމް ލިބިފަ އެވެ. ކުރަސާއޯ އަށް ލިބިފައިވާ 1 ޕޮއިންޓާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. މި ގްރޫޕްގެ އެއްވަނަ އަށް ގޮސްފައިވަނީ ޖަރުމަން އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ޖަރުމަން އާއި އެކުއެޑޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން މޮޅުވެފައި ވަނީ އެކުއެޑޯ އެވެ.
މި މެޗުން އެކުއެޑޯ މޮޅުވުމާއިއެކު އެ ޓީމަށް ލިބިފައިވާ 4 ޕޮއިންޓާއެކު ތިންވަނަ އަށް ދާ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި އެކުއެޑޯއަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފަ އެވެ. މިއީ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް އެކުއެޑޯ އިން ހޯދި ދެވަނަ ފަހަރެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ލެރޯއި ސާނޭ ލަނޑެއް ޖަހާ ޖަރުމަނަށް ކުރި ހޯދަދިން ނަމަވެސް އޭގެ ހަތް މިނިޓު ފަހުން އެކުއެޑޯގެ ނިލްސަން އަންގޫލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން އެކުއެޑޯ މޮޅުވި ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ގޮންޒާލޯ ޕްލާޓާ އެވެ.
ޒެންޑޭޔާގެ އަސްލު ނަމަކީ ކޮބާ؟
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!