ފީފާ ވޯލްޑްކަޕްގެ ގްރޫޕް އައި ގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ފްރާންސް އިން ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފައި ވަނީ ރޭ ނޯވޭ އާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފްރާންސްގެ އުސްމާން ޑެމްބެލޭ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ.
މި ނަތީޖާ އާއިއެކު ފްރާންސަށް ވަނީ ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ނޯވޭ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ސެނެގާލް އަށް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި 60،000 އަަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހާ ފްރާންސަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 13 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނޯވޭ އިން މި މެޗުގައި ޖަހާފައިވާ ހަމައެކަނި ލަނޑަކީ މެޗުގެ 21 ވަނަ މިނިޓުގައި އާސްގާޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނަމަވެސް މެޗުގެ 32 ވަނަ މިނިޓުގައި ޗޫމޭނީ ދިން އެސިސްޓަކުން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ފްރާންސް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ޑުއޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ގްރޫޕްގައި ދެން ސެނެގާލް އާއި އިރާގު ބައްދަލުކުރި މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ސެނެގާލް އެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ސަޑިއޯ މާނޭއަށް އިރާގުގެ ރެބިން ސުލާކާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސެނެގާލް އަށް މި މެޗުގައި ލަނޑުތައް ޖަހައިދީފައިވަނީ ހަބީބް ޑިއާރާ, އިސްމައިލާ ސާ ޕާޕޭ ގުއޭ އަދި އިލިމަން އެންޑިއާއޭ އެވެ. ޕާޕޭ ގުއޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.
އެމެރިކާ އާއި އީރާނުން ނުރައްކާތެރި ހަމަލާތަކެއް ބަދަލުކޮށްފި
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!