މާލޭގެ މަގެއްގައި ގޮދަޑިއެއް ބެހެއްޓި މީހަކު ހޯދަން ސިޓީ ކައުންސިލުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އާސަހަރާގެ ފާރުގައި ލައްގާފައި ހުރި ގޮދަޑިއެއްގެ ފޮޓޯ އާންމުކޮށްފަ އެވެ.

އެ ބޮޑު ގޮދަޑި ބެހެއްޓުމުގެ ސަބަބުން، ޕޭވްމަންޓުން ވެސް ބައެއް އޮތީ ގެއްލިފަ އެވެ. ކައުންސިލުން ބުނީ މި ގޮދަޑި ބެހެއްޓި މީހަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަވާ ނަމަ ކައުންސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވަން ނުވަތަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ރިޕޯޓް ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދިފައިވެ އެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވެސް ވަނީ އެކަމާ ގުޅިގެން މަޝްވަރާކޮށްފަ އެވެ.