ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ވިލަރެސްކުރުމުގެ ނަމުގައި ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް ގާއިމުކުރަނީ ސިޔާސީ ވަޒީފާ އުފެއްދުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ވުޒާރާއެއްގައި މިފަދަ ޔުނިޓެއް ހެދުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ތުހުމަތުކުރެއްވީ، މަޝްރޫއުތައް ބެލެހެއްޓުމުގެ ގާބިލުކަން މިހާރުގެ ނިޒާމުގައި ވެސް އެބަހުރި ކަމަށާއި، މިހާރު ދިމާވެގެން އުޅޭ ހަގީގީ މައްސަލައަކީ ސަރުކާރުގައި ސިޔާސަތެއް، އަމާޒެއް އަދި ލީޑަޝިޕެއް ނެތުން ކަމަށެވެ.
ޝާހިދު ސިފަކުރެއްވި ގޮތުގައި މިފަދަ އާ ބައިތަކެއް އުފައްދަން ޖެހުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިއުތިރާފުވުމެވެ. އަދި ރައްޔިތުންނަށް މިވަގުތު ބޭނުން ވަނީ އާ ކޮމިޓީތަކާއި، ޕޯޓަލްތަކާއި، އިތުރު ބަހަނާތަކެއް ނޫން ކަމަށާއި، ރައްޔިތުން އެދެނީ ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ނިންމައި، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދީ، ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ވިލަރެސްކުރާ ޔުނިޓުތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް ވަގުތުން ހައްލު ހޯދައިދިނުމުގެ މަގްސަދުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ވެސް ހާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
ނަމަވެސް އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މިއީ އިގުތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ސަރުކާރުގެ ހަރަދުތައް އިތުރުވާ ގޮތަށް ސިޔާސީ ނުފޫޒު ފުޅާކުރަން ކުރާ ކަމެކެވެ.
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް