މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރީތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ހަ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ހިންގި މި ހާއްސަ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ މީހުނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހަކެވެ.

ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ދެ ވަޅީގެ އިތުރުން 39,695 ދިވެހި ރުފިޔާ ވަނީ ފެނިފަ އެވެ.

މި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބާކީ ތިބި ދެ މީހުން ކޯޓުން ދޫކޮށްލާފައިވަނީ ބައެއް ޝަރުތުތަކާ އެކުގަ އެވެ.

ބަންދުކުރި ހަތަރު މީހުންގެ ކޯޓު އަމުރުގައިވާ ގޮތުން، މިއީ ގިނަ ބަޔަކު ބައިވެރިވެގެން ރާވައިގެން ހިންގަން އުޅުނު މާރާމާރީއެއް ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެ މީހުން ތިބި ތަނުން ތޫނު ހަތިޔާރު ފެނިފައިވުމަކީ މި ތުހުމަތުތަކަށް ބާރުލިބޭ ކަމެއްގެ ގޮތުގައި ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.