އެ ބޮން ގޮއްވާލުމުން ވަށައިގެން ހުރި ހުރިހާ ތަނަކަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. އެންމެ ކައިރީގައި ހުރި ބައެއް ތަންތަނުގެ ބިއްލޫރި ފޫއަޅުވާލައި ރޭޒާ ފުއްތައް ވަދެފައިވެ އެވެ. އަދި ބައެއް ތަންތަނުގެ ސީލިންގަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. މިވަރުގެ ބާރުގަދަ ބޮމެއް ގޮއްވާލި ނަމަވެސް، އެއްވެސް މީހެއް ފުރާނަ ނުގެއްލުނުކަން އެއީ ނަސީބެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން މިހަމަލާއަކީ މުޅި ގައުމަށް ސިހުން ގެނުވި ނުރައްކާތެރި ހާދިސާއެކެވެ. އެ ހާދިސާއާ ގުޅިގެން އެމަނިކުފާނަށް ސީރިއަސް ޒަހަމުތަކެއް ލިބިވަޑައިގެންފައި ވާތީ ހަތަރު ސާޖަރީއެއް ހަދަން ޖެހުނެވެ. އަދިވެސް އެ ޒަހަމުތަކަށް އެމަނިކުފާނު އެ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމު ކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުން އެއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. ގ. ކެނެރީގެއިން މަޖީދީމަގަށް ނުކުންނަ ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި ބާއްވައިގެން އައިއީޑީއެއް ގޮއްވާލީ ރައީސް ނަޝީދު ކާރުކޮޅާ ވަރަށް ކައިރިއަށް ވަޑައިގެންނެވި ފަހުންނެވެ. ގަދަ އަޑުފައްގަނޑާއެކު ގޮވި ގޮވުމާއެކު ރައީސް ނަޝީދު، ކާރުކޮޅު ކައިރިއަށް ވެއްޓިވަޑައިގަތެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި އޭގައި ހުރި ރޭޒާ ފުއްތައް ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ވަދެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފަ އެވެ. ނުވަ އެމްއެމްގެ މި ރޭޒާ ފުއްތައްގެ ނުރައްކާތެރިކަން އެ ހަމަލާދިން ސަރަހައްދުން އަދިވެސް ފެންނަން އެބަހުއްޓެވެ.

އެ ބޮން ގޮއްވާލުމުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ބޮން ހަރުކޮށްފައިވާ ސައިކާލާ އެންމެ ކައިރީގައި ހުރި ޑްރެސް އަޕް ފިހާރައަށެވެ. އެ ފިހާރައަށް ވަނީ ރޭޒާ ފުއްތައް ބުރައިގެން ގޮސް އެ ފިހާރާގެ ބިއްލޫރިގަނޑަށް ވަދެފަ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ބޮން ހަރުކުރި ސައިކަލު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާދިން ސަރަހައްދުގައި ހުރި ފިހާރަކަށް ރޭޒާ ފުކެއް އަރާފައި. ފޮޓޯ: ހުރިހާ

ނީލޯފަރު ގޯޅި މަދީމަގު ކަންމައްޗަށްވާ ގޮތަށް ހަދަމުންދާ އެމެޓީ އިމާރާތުގެ ވަށައިގެން ޖަހާފައި ހުރި ޓިނު ފެންސުން ވެސް ބޮން ގޮވައި ވިއްސައިގެން ދިޔަ ރޭޒާ ފުއްތައް ފޫ އަޅުވާލައިވާ ތަން ފެންނަން އެބަހުއްޓެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކުރި ސައިކަލް ބަހައްޓާފައިވާ މަގުގެ އަނެއް ފަޅި އެވެ.

ބޮން ހަރުކުރި ސައިކަލް ބަހައްޓާފައި ހުރީ ނީލޯފަރު ހިނގުމާއި މަޖީދީ މަގަށް ވާގޮތަށް ހުރި "ޝޯ މާލް" ފިހާރައިގެ ކަންމަތީގަ އެވެ. ބޮން ގޮވުމުގެ ސަބަބުން އެ ފިހާރައިގެ ސީލިގު ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ބޮން ހަރުކޮށްފައި ހުރި ސައިކަލް ބަހައްޓާފައިވާ ސަރަހައްދު. ފޮޓޯ: ހުރިހާ

މިހަމަލާއާ ގުޅޭ ގޮތުން "ހުރިހާ" އަށް ވާހަކަ ދެއްކި ފަރާތްތަކުން ބުނެފައި ވަނީ ރާވައިގެން ދިން ނުރައްކާތެރި އެ ހަމަލާ އެ މީހުން ބޭނުންވި ގޮތަށް ކަންތައްތައް ނުވި ގިނަ ސަބަބުންތަކެއް އެ ސަރަހައްދު ވަނީ ދިމާވެފައި ކަމަށެވެ. އެގޮތުން ބޮން ހަރުކޮށްފައިވާ ސައިކަލު ކައިރީގައި އިތުރު ސައިކަލެއް ޕާކުކޮށްފައި ހުރުމާއި، ބޮން ގޮއްވާލި މީހާ ކުރިމައްޗަށް އިތުރު ބަޔަކު އެ ވަގުތު އެރުމުން އޭނާއަށް ބޮން ހަރުކޮށްފައިވާ ސައިކަލު ރަގަޅަށް ނުފެނުން ހިމެނޭ ކަމަށް އެތަނުން ދިމާވި ބައެއް މީހުން ބުނެ އެވެ.

އެ ސަރަހައްދުން ވާހަކަ ދެއްކި މީހުން އިތުރަށް ބުނި ގޮތުގައި ބޮން ގޮއްވާލި އިރު ހީވީ މުޅިތަން ފަޅައިގެން ދިޔަހެން ކަމަށެވެ. އެހާވެސް ބޮމުގެ ބާރުގަދަ ކަމަށް އެ މީހުން ބުންޏެވެ.

"ހީވީ މުޅި ސަރަހައްދު ފުނޑުފުނޑުވި ހެން. ދުވަހަކު ވެސް އެހާ ބާރުގަދަ އަޑެއް ނީވޭ،" އެ ސަހައްދުން ދިމާވި މީހަކު ބުންޏެވެ.

ބޮން ގޮވުމުގެ ސަބަބުން ރޭޒާ ފުއް އަރާފައިވާ ފިހާރައެއްގެ ބިއްލޫރި ގަނޑު: ފޮޓޯ ހުރިހާ

އެމްއެންޑީއެފުން ބުނާ ގޮތުގައި އެ އައިއީޑީ ހަދާފައި ވަނީ ރާއްޖޭގައި ލިބެން ހުރި ތަކެތިންނެވެ. އޭގެ ބާރުމިން، 2007 ގައި ސަލްޓަންޕާކު ގޮއްވާލަން ބޭނުންކުރި އައިއިޑީއަށް ވުރެން އެތައް ދަރަޖައެއް ބާރުގަދަ ކަމަށް ވެސް ބުންޏެވެ.

ބޮން ގޮއްވާލި މައްސަލައާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. މިމައްސަލަ ތަހުގީގަށް ބޭރުގެ އެހީތެރިކަންވެސް އަންނަނީ ހޯދަމުނެވެ.