ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ޓީ-ބިލަށް 2.4 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރައްވައި، އެކަމުގެ ސަބަބުން މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފަންޑުގައި ހުރި ދިވެހި ރުފިޔާގެ ޓީބިލުތައް މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރުމަށް ރާވާފައިވާ މި މުއާމަލާތަކީ އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެކެވެ.
ސަރުކާރަށް ބަޖެޓު ހަމަޖައްސައި ނުދެވިގެން ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް ހިންގާ މި މުއާމަލާތުގެ އަގު މުޅި އިގުތިސާދުން ދައްކަން ޖެހުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕެންޝަން އޮފީހުން ވަނީ މިއީ ބާޒާރުން ގަންނަން ނުޖެހި ބޭރު ފައިސާގެ ރިޒާވެއް އުފެދި، ފަންޑަށް ދިގު މުއްދަތުން ނަފާ ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މި މުއާމަލާތާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއެކު، ޕެންޝަން އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެގޮތުން ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ، އިންވެސްޓްމަންޓް ޑިރެކްޓަރު އައިމިނަތު އިރުތިޔާޝާ އަދި ހެޑް އޮފް އިންވެސްޓްމަންޓް ހައިފާ އަހުމަދު އިސްތިއުފާ ދެއްވާފައި ވާއިރު، މީގެ ކުރިން ސީއީއޯ ސުޖާތާ ހަލީމް އަދި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ މަގާމުން ދުރަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ބޯޑުގެ ކުރީގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒްއާއި ބޯޑު މެންބަރުން ކަމަށްވާ އަހުމަދު ސަރުވަޝް އާދަމް އަދި އަޝްރަފް ރަޝީދު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އިސް މުވައްޒަފުންނާއި ބޯޑުގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ސަރުކާރުން މާލީ ނިޒާމު ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.
ސަވާހިލި އައްޑޫގެ އިހްތިސާސުން ވަކިކޮށްފި
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ