ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރީ ގަވާއިދާ ހިލާފަށް ކަން އެނގިއްޖެ އެވެ.

ކުރީ ސަރުކާރުން ތަރައްގީކުރި ރާއްޖޭގެ އެންމެ އަގުބޮޑު އިމާރާތް ރަހުނު ކޮށްގެން ފައިސާ ހޯދަން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެކަން އެގޮތަށް ކުރުމަށް އެދި ފިނޭންސުން ރައީސް އޮފީހަށް ސިޓީއެއް ވެސް ފޮނުވި އެވެ.

އެ ސިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ، ދަރުމަންވަތަ ހޮސްޕިޓަލް ހެލްްތް މިނިސްޓްރީގެ ދަށުގައި ހުރުމުން ރަހުނުކޮށް ފައިސާ ނުހޯދޭނެ ކަމަށާއި އެކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށައް އެ އިިމާރާތުގެ މިިލްކުވެރިކަން ބަދަލު ކުރުމުން ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި އަމީރު ވިދާޅުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަން 100 ޕަސެންޓް ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް (އެސްޕީވީ) އެއް ހެދުމަށް ފަހު ސުކޫކުގެ އަގުގެ 51 ޕަސެންޓަށް ވުރެ މަތިން އަގު ކުރެވޭ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް އެސްޕީވީ އަށް ބަދަލު ކުރަންޖެހޭ ކަމަށެވެ،. އަދި މި ވަގުތު ސަރުކާރުގައި ހުރި މުދަލުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް އެ ސިޓީގައިވެ އެވެ.

ފިނޭންސް މިނިސްޓްރީއިން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ގަވާއިދާ ހިލާފުވިކަން އެނގުނީ މިއަދުގެ ވަގުތެއްގައި މާލޭ ސިޓީ ކައުންސިލްގެ ލީގަލް ސެކެރެޓަރީ އަލީ ނާޒިމް ގާސިމް ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި އޭނާ ވަނީ ފިނޭންސް މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތް ހިމަނައިފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ޓުވީޓު ޑިލީޓް ވެސް ކޮށްފަ އެވެ.

އެގޮތުން އެ ޓުވީޓުން އެެގޭ ގޮތުގައި ފިނޭންސުން ދަރުމަންވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މާލޭ ސިޓީ ކައުންސިލުން އަތުލީ އެ ކައުންސިލާއި ބައްދަލުވުމެއް ނުބާއްވައިކަން އެނގެ އެވެ. އަދި ފިނޭންސަށް ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ލިބޭނީ، ރަހުނު ބަލައިގަންނަ ކުންފުނީގެ މައުލޫމާތު މިހާރުގެ ކައުންސިލާ ހިއްސާ ކުރުމުންކަން އެނގެ އެވެ. ނަމަވެސް އެ މައުލޫމާތު ކުރީގެ ކައުންސިލަށް ކުރީގެ މޭޔަރު ޝިފާ މުހައްމަދު ފޯރުކޮށްދީފައެއް ނުވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް. ފޮޓޯ: އަބްދުﷲ ޖަމީލު | ހުރިހާ

އޭގެ އިތުރުން އެ ހޮސްޕިޓަލުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލާއި ގުޅިގެންކަން ވެސް އެނގެ އެވެ. ނަމަވެސް ފިނޭންސުން އެގޮތަށް އަމަލުކުރިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި މިލްކުވެރިކަން ބަދަލުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ކައުންސިލަށް ހުށަނާޅާކަން އެގެން އޮތެވެ.

ރާއްޖޭގެ ލޭންޑް މާކް އިމާރާތެއްގެ ގޮތުގައި ސިފަކުރާ ދަރުމަވަންތަ ހޮސްޕިޓަލް ގަވާއިދާ ހިލާފަށް މިލްކުވެރިކަން ބަދަލުކޮށްގެން ރަހުނުކުރިއިރު އޭރު މާލޭ މޭޔަރަކީ ޝިފާ އެވެ. އޭނާ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ބަދަލުގައި އެ ދުވަސް މުޅީން ހެން އުޅުނީ އޭނާ ނިސްބަތްވާ ޕާޓީގެ ކަންކަމުގަ އެވެ. ދޭތެރެއަކުން އޮފީހުގެ މަސައްކަތްކުރާކަން އަންގަން ޓުވީޓެއް ކޮށްލަ އެވެ.