އިންޑިއާގެ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ބޭނުންކޮށްގެން ދެވަނަ ޑޯޒް ފުރިހަމަކުރެވޭނެ ކަމަށް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، ޑރ. މުހައްމަދު ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ، އެސްޓްރާޒެނެކާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިން އެކަތި އަނެކެއްޗާ ބަދަލު ކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ކުރިން އެސްޓްރާޒެނެކާ ވެކްސިން ލިބިއްޖެ ނަމަ ރާއްޖޭގައި ޑޯޒް ފުރިހަމަ ނުވެ ތިބި މީހުންނަށް އެ ވެކްސިން ޖަހައިގެން ޑޯޒް ފުރިހަމަ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑަބްލިޔުއެޗްއޯއިން ލަފާދީފައި ވަނީ އެސްޓްރަޒެނެކާއާ ކޮވިޝީލްޑާ އެ ދޭތި އިންޓަޗޭންޖް ކުރެވޭނެ ކަމަށް، އެސްޓްރަޒެނެކާ އެއް ޑޯޒް ޖަހާފައި ހުރެއްޖެއްޔާ ކޮވިޝީލްޑް ދެވަނަ ޑޯޒަކަށް ޖެހޭނެ، އަދި ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައި ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ބޭނުން ކުރެވޭނެ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވާތީ އެ ވެކްސިން ޖެހުން މެދުކަނޑާލުމާ ގުޅިގެން ރާއްޖޭގައި ދެވަނަ ޑޯޒް ނުޖެހި 92،000 މީހުން ތިބި ކަމަށް މީގެ ކުރިން އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ،

މި ވަގުތު ސެންޓްރަލް ސްޓޮކްގައި ހުރި ހާހެއްހާ ޑޯޒް ބޭނުން ކުރަނީ މެޑިކަލް އިމާޖެންސީތަކުގައި އެކަންޏެވެ. ކޮވިޝީލްޑް ވެކްސިންގެ ގޮތުގައި ބްރޭންޑްކޮށްގެން ސިރަމް އިންސްޓިޓިއުޓުން އުފައްދަނީ އެސްޓްރޭޒެނެކާ ވެކްސިނެވެ. އެހެންކަމުން މިއީ އެއް ވެކްސިނެއް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޑު-19އާ ދެކޮޅަށް އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުންކުރަން ފެށި ކޮވިޝިލްޑް ވެކްސިންގެ 300،000 ޑޯޒް ގަންނަން ދިވެހި ސަރުކާރުން ސިރަމް އިންސްޓިއުޓާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދި ބާކީ 200،000 ޑޯޒް ހުރި ނަމަވެސް، މި ޑޯޒްތަކެއް ލިބޭނެ ތާރީހެއް ވެސް ސަރުކާރަކަށް ނޭނގެ އެވެ.

އެސްޓްރާޒެނެކާއިން އޯޑަރުކޮށްފައިވާ 700،000 ވެކްސިން ޑޯޒް މި ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ވެކްސިން ލިބޭނީ ކޮންދުވަހަކު ކަމެއް ވިދާޅެއްނުވެ އެވެ.