މެއި މަހު ކޮވިޑު ޖެހިގެން މަރުވި މީހުންގެ ތެރެއިން 64 ޕަސަންޓް މީހުން ވެކްސިން ޖަހާފައި ނުވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައި ވަނީ ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ޖަހާފައި ވަނީ 12 ޕަސެންޓް މީހުން ކަމަށެވެ. މަރުވި މީހުންގެ ތެރެއިން ވެކްސިންގެ އެއްޑޯޒް 20 ޕަސެންޓް މީހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތައް ބަލާއިރު އޭގެތެރެއިން ވެކްސިން ފުރިހަމަ ކުރާ މީހުންގެ ހާލަތު އެންމެ ގޯސްވުމުގެ ފުރުސަތު ކުޑަކަން ތަފާސް ހިސާބުތަކަށް ބެލުމުން އެނގޭ ކަމަށެވެ. އެހެންކަމުން ހާއްސަކޮށް 65 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލޭގެ އާބާދީގެ 60 ޕަސެންޓް މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. މިހާތަނަށް 304،394 މީހުން ވެކްސިނންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 149،435 މީހުންނެވެ. 95،000 މީހުންނަށް ވެކްސިން ފުރިހަމަ ނުކުރެވި ތިބީ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ނެތުމުންނެވެ.

ނަމަވެސް 50،000 މީހުން ތިބީ ދެވަނަ ޑޯޒް ފުރިހަމަ ކުރާނެ ވެކްސިން ކަމަށްވާ ސިނޮފާމް ވެކްސިން ރާއްޖޭގައި ހުރެ، ނަމަވެސް ވެކްސިން ފުރިހަމަ ކުރަން ގޮސްފައި ނުވާތީ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި އެވެ.