ފަލަސްތީނާ މެދު ދިވެހި ސަރުކާރުން ދެކޭ ގޮތް ދުވަހަކު ބަދަލުނުވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ މިނިސްޓަ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުޔޯކްގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދ. ގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރަށް މިނިސްޓަރު ޝާހިދު ދެންނެވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައި ވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމަށް ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލައާ ގުޅިގެން އދ. ން ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލު ނުވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަގީންކަން ރިޔާދް މާލިކީއަށް އަރުވާފަ އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.