ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން މިިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހުގެ އިތުރުން އޭނާގެ އަންހެނުންގެ ފޯނު ފުލުހުން އަތުލައިފި އެވެ.

އަންހެނުންގެ އާއިލާގެ މީހަކު ބުނީ، ދަރަވަންދޫއަށް ދިޔުމުން ކަރަންޓީނުވާންްޖެހޭތީ ފާތިހު އޮންލައިންކޮށް ކައިވެނިކޮށްފައި ވަނީ ހައްޔަރުކުރުމުގެ ފަސް ދުވަސް ކުރިން، މި މަހުގެ 13 ވަނަ ދުވަހު އެވެ. ހައްޔަރުކުރިއިރު އެ ދެމަފިރިން ވެސް ތިބީ އަންހެން މީހާގެ ގޭގައި ކަރަންޓީނުގައި ކަމަށް ވެސް އެ މީހާ ބުންޏެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ފާތިހުގެ އަންހެނުންގެ ފޯނު އަތުލީ އިއްޔެ ކަމަށާއި، ފޯނު އަތުލީ ތަހުގީގުގެ ބޭނުމަށް ކަމަށެވެ. އަދި އެ އަންހެން މީހާއާ ފުލުހުން ސުވާލު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ވާހަކަތައް ކިޔައިދިން މީހާ އިތުރަށް ބުނީ، އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީ ފުލުހުން އޭނާއާ ވާހަކަދެއްކީ ދުރުގައި ތިބެގެން ކަމަށްވުމުން އެއީ ކޮން ވާހަކަތަކެއްކަން މުޅިން ސާފުނުވި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފާތިހު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ދަރަވަންދޫން ފާތިހު ހައްޔަރުކުރުމަށްފަހު، އެ އަތޮޅު އޭދަފުއްޓަށް ގެންދިޔުމަށްފަހު ބަންދަށް 15 ދުވަސް ޖަހައި އޭނާ ވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު މާލެ ގެނެސްފަ އެވެ.