ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މިއަދު މަރުވެ، މިމަހުގެ މިހާތަނަށް މި ބަލީގައި މީހުން މަރުވި އަދަދު 72 އަށް އަރައިފި އެވެ.

ކޮވިޑް ޖެހިގެން މިއަދު އެންމެ ފަހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދި ދެ މީހަކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 1:01 ގައި 66 އަހަރު ފިރިހެނަކު މަރުވިއިރު، މިއަދު ހެނދުނު 7:40ގައި 89 އަހަރުގެ ފިރިހެނަކު ހުޅުމާލެ ފެސިލިޓީގައި މަރުވި ކަމަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް 144 މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާ 16 ބިދޭސީންނެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވީ އިއްޔެ އެވެ. އިއްޔެ އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ. މި މަސް ފެށުނުއިރު ކޮވިޑްގައި މަރުވި މީހުންގެ އަދަދު ހުރީ 62 ގަ އެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. އަދި މިއަދާ ހަމަޔަށް ވަނީ 82 އަށް އިތުރުވެފަ އެވެ. އެއީ 74 ދިވެހިންނާ 8 ބިދޭސީންނެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24، 000އަށް ވުރެ ވަނީ މައްޗަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އިތުރުވެފަ އެވެ.