ވެކްސިން ޖަހަން ވެސް މާދަމާއިން ފެށިގެން ނުކުމެވޭނީ ހުއްދަ ހޯދައިގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ވެކްސިން ޖަހަން ސެންޓަރުތަކަށް ދާން ބޭނުންވާ މީހުންނަށް ޕޮލިސް ޕޯޓުން ހުއްދަ ދޫކުރާނެ ކަމަށެވެ. އަދި ހުއްދަ ލިބިގެން ނޫނީ ވެކްސިން ޖަހަން ނުދެވޭނެ ކަމަށެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާ އެ ފާހަށް އެދުމަށް ފުރުސަތު ރޭ ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ފާސް ދޫކުރަން ހަމަޖެހިފައި ވަނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ. ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ އެވެ. ފާސް ދޫކުރާނީ ގޭބީސީގައި ހިމެނޭ ކޮންމެ މީޓަރަކަށް ދެ ފާހުގެ މަގުންނެވެ. ފާހަށް އެދުމަށް ކަރަންޓް މީޓަރުގެ ނަންބަރު ހުށައަޅަން ޖެހޭނެ އެވެ. ފުލުހުން ބުނީ ގެތަކަށް ދޫކުރާ ފާސްތަކަށް އެދުމުގެ ފުުރުސަތު މިރޭ އަށެއް ޖަހާއިރުން ފެށިގެން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ