ރާއްޖޭގެ އެކި ހިސާބުތަކަށް ބޭރުގެ ބާރުތައް ނުވަތަ ބޭރުގެ ސިފައިން ޖަމާވަމުންދާ ސަބަބު ސަރުކާރުން ހާމަކޮށްދޭން ޖެހޭކަމަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އިންޑިއާއިން ވަނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން ނިންމައިފަ އެވެ. އެކަން އަދި ރަސްމީކޮށް އިންޑިއާއިން ދިވެހި ސަރުކާރަށް އަންގާފައި ނުވިޔަސް، ނޫސްވެރިން އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ސުވާލުކުރުމުން ވިދާޅުވީ، ކޮންސިއުލޭޓް އޮފީސް ގާއިމު ކުރުމަކީ އިންޑިއާ ސަރުކާރުގެ ނިންމުމެއް ކަމަށާއި، ރަސްމީކޮށް އިންޑިއާއިން އެކަން އެންގުމުން ކުރަން ޖެހޭ ކަންތައް ކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސައިދޫ ވިދާޅުވީ، ބޭރުގެ ބާރުތަކުން ގައުމަށް މުހިންމު ދޮރާޝިތަކަށް އެއްވެސް ފިކުރެއް ނެތި ވަންނަމުންދާ ކަމަށާއި، އަދި އެއީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
އިތުރަށް އޭނާ ވިދާޅުވީ، ހަނިމާދޫ، އުތުރު ތިލަފަޅު، ލ. ކައްދޫ، އަދި އައްޑޫ ސިޓީފަދަ ރާއްޖޭގެ މުހިންމު ސަރަހައްދުތަކަށް ޖަމާވަމުންދާ ބޭރުގެ ބާރުތަކުގެ ހަގީގަތް ސަރުކާރުން ހާމަކޮށް އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސްއަށް އުތުރުތިލަފަޅުގެ އެއްބަސްވުން ލިބެން ޖެހޭ ކަމަށެވެ.
"ބޭރުގެ ބާރުތަކުގެ ހަގީގަތް ސަރުކާރުން ހާމަކޮށްދޭން ޖެހޭ، ރައްޔިތުންގެ މަޖިލިސްއަށް ޔޫޓީއެފް އެއްބަސްވުުން ލިބެން ޖެހޭ،" ސައީދު ވިދާޅުވި އެވެ.
ޔޫޓީއެފް އެގްރީމެންޓަކީ ރާއްޖޭގައި އިންޑިއާ ސަރުކާރުން ހަދައިދޭ އަސްކަރީ ބަދަރެއްގެ އެއްބަސްވުމެކެވެ އެ ބަދަރު ހެދުމުގެ މަސައްކަތް ކުރާނީ އިންޑިއާ އަސްކަރިއްޔާއިންނެވެ. އެކަމާ ގުޅޭ އެއްބަސްވުން ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ. ސައީދު ވިދާޅުވީ، ބޭރުގެ ބާރުތަކާއެކު ހަަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ފަހުން ހިތާމަކޮށް ރޯން ޖެހިދާނެކަން ސަރުކާރުން ވިސްނަން ޖެހޭ ކަމަށެވެ.