ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު އެހީތެރިވެ ދެއްވައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު އިދިކޮޅު ކޯލިޝަނުން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމަށް މިއަދު ކުރިމަތިވެފައި އޮތް ހާލަތަކީ ސިޔާސީ ކަމަކަށް ހަދައިގެން ކަންކަން ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. އެކަންތަށް ހައްލު ކުރެވޭނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ސަރުކާރުން ސިޔާސީ ގޮތުން ކަންތައްތަކެއް ކުރި ނަމަވެސް ޔާމީން ހުންނެވީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގައުމީ ވިސްނުމުގައި ކަމަށެވެ.

ސަރުކާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން މީގެ ދުވަސް ތަކެއް ކުރިން ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ހުށަހެޅުމަށް ސަރުކާރުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 1،200 މީހުންގެ ލިސްޓެއް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ފޮނުވި ކަމަށާއި އެމީހުންގެ ބޭނުން ސަރުކާރުން ހިފާފައި ނުވާކަމަށް އަބްދުއްރަހީީމް މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ސަރުކާރުގެ އިހްލާސްތެރިކަން އޮތް ނަމަ އިދިކޮޅު ފަރާތްތަކުން އިސްވެ އެހީތެރިކަން ދޭން ހުށަހެޅުމުން އެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ސަރުކާރުގެ ތެރެއިން ފެންނަމުން ނުދާ ކަމަށެވެ.