ކޮވިޑް ޖެހޭ މީހުންގެ ގިނަވާ ނަމަ، އަޅައިނުލެވުމުގެ ސަބަބުން އެ ބަލީގައި މަރުވާ މީހުން މިހާރަށްވުރެ ގިނަވާނެ ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގް ޓީމުގެ މެމްބަރު އަދި ޕީޑިއޮޓްރިކް އިންފެކްޝަން އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބަލީގައި މަރުވާ މީހުންގެ ރޭޓު މިހާރު ހުރީ 0.3 ޕަސެންޓުގަ އެވެ. މިހާތަނަށް 145 މީހަކު މަރުވެފައިވާއިރު، ހަމައެކަނި މި މަހު ވެސް 72 މީހަކު މަރުވެއްޖެ އެވެ. އެއާކު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، ދެބައި ކުޅަ އެއްބައި މީހުން މަރުވީ ހަމައެކަނި މި މަހުގެ ތެރޭގަ އެވެ. އެއަށްފަހު އޭނާ ވިދާޅުވީ ކޮވިޑު ޖެހޭ މީހުން ގިނަވާނަމަ އެކަށީގެންވާ ވަރަށް އަޅާނުލެވުމުގެ ސަބަބުން ގިނަބަޔަކުު ބަލީގައިި މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ގޮތަށް ދަނީ ނަމަ އަޅުގަނޑުމެން މީހުން މަރުވާ ރޭޓު މި އަށް ވުރެ މަތިވުމުގެ ފުރުސަތު އަތުވެދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އައިސީޔޫ ވެސް މިހާރު ވަނީ ފުރިފަ އެވެ. އެއީ 11 އެނދެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް 1،000 އިން މަތީގައި ހުންނަތާ ތިން ހަފުތާވަރު ފަހުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ދަށްވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 20،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މި ބަލީގައި މަރުވި މީހުން އަދަދު ވެސް މިހާރު ވަނީ 145 އަށް އަރައިފަ އެވެ.