ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިޔާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އޮންލައިން ނޫހަކު ޝާއިއު ކުރުމާއި އެމަނިކުފާނުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން މިހާރު ގެއްލިފައިވާ ކަމަށް މަޖިލީހުގެ 241 ކޮމެޓީން ބުނެފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓުގައި ބުނީ، އެ ނޫހުގައި ލިޔެފައިވާ ރިޕޯޓުގެ މައްސަލަ ބެލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އިތުރަށް އެ ރިޕޯޓުގައި ބުނީ، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިޔާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ކަމަށެވެ.
އެފަދަ ހައްސާސް މައުލޫމާތަކީ ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މަައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތުތަކެއް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެ މައުލޫމާތު އެގޮތަށް އާންމުވުމުން ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށް ދެކޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ ރިޕޯޓުގައި 241 ކޮމިޓީން ބުނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެ ނޫން އެއްވެސް ފަރާތްތަކަށް ހިއްސާ ކުރުމަކީ މަނާކަމެއް ކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަން ހަނދާން ކޮށްދޭ ކަމަށެވެ.
ނަޝީދު މިއީ އަޖައިބެއްކަހަލަ މީހެއް. ރާއްޖޭގެ ރައީސްކަން ހަވާލު ކުރީމަވެސް ފުލުހުންނާ ސިފައިން ގޯސްކޮށް ގައުމުގަ ބޮޑު ފިތުނަވެރިކަމެއް އުފެއްދީ. މަޖިލީހުގެ ރައީސްކަން ލިބުނީމަ ވެސް ހަމަ އެމަގުން ހިނގަނީ. މީހަކު ބުނާ އެއްޗެއް ގަބޫލުނުކޮށް ގާނޫނެއް ގަވާއިދެއް ބެލުމެއްނެތި އަމިއްލައަށް ފެންނަގޮތަކަށް އުޅެނީ. މަގުމަތީ އިދިކޮޅު ހަރަކާތް ހިންގަން ބެހެއްޓުން ނޫންގޮތެއް ނެތް.