ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕު (އެސްޕީޖީ)ގެ ކޮމާންޑަރުން މިއަދު ބަދަލުކޮށްފި އެވެ.

އެސްޕީޖީ ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ހުރިހާ ބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ފައުޖެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެސްޕީޖީގައި ކުރިން ތިއްބެވި ކޮމާންޑަރުން ބަދަލުކޮށްފައިވާ ކަމަށާއި އަދި އެ މަގާމުތަކަށް މިހާރު އެހެން ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިއަދު އެސްޕީޖީގެ ކޮމާންޑަރަކަށް ހަމަޖެއްސީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ މޭޖާ މޫސާ ރަމީޒެވެ.

ކޮމާންޑަރުން ބަދަލުކޮށްފައި މިވަނީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނި ކޮށެވެ. އަދި އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީއާބެހޭ ގޮތުން ސުވާލުތަކާއި ތުހުމަތުތައް އުފައްދާފައި ވަނިކޮށެވެ.