މިހާރު އޮތް މާލޭ ސިޓީ ކައުންސިލަކީ ހާމަކަން ބޮޑު ކައުންސިލެއް ކަމަށާއި، ކައުންސިލްގެ ޖަލްސާތަށް ބަރާބަރަށް ލައިވްކުރަމުން ގެންދާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ކައުންސިލްގެ ޖަލްސާތައް ލައިވްކުރާނެ ކަމަށް މިއަދު ވިދާޅުވީ، ސިޓީ ކައުންސިލުން ވަރަށް ފަހުން ބޭއްވި ބައްދަލުވުމަކަށް އެމްޑީޕީން ޖަލްސާތައް ލައިވްކުރަން ހުށަހެޅުމުން އެ ހުށަހެޅުން ކައުންސިލުން ބޭރުކޮށްލި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެ މީޑިއާ ރިޕޯޓަށް ރައްދު ދެއްވާ މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރުމަކީ އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. ކައުންސިލް ޖަލްސާތައް ލައިވް ކުރުމުގެ އިތުރުން މާލެ ސިޓީ ކައުންސިލަރުންގެ މާލެ ތަފްސީލްތައް އެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ޝާއިއު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްތަކުން މިހާރު އަމަލުކުރަމުން އަންނަ ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލާވެލެވުނު މާލެ ސިޓީގެ ހަތަރު ވަނަ ކައުންސިލްގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމަށެވެ.

މިއީ ޕީޕީއެމަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ. ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މާލެ ސިޓީގެ މޭޔަރު މި ފަހަރު އިންތިޚާބު ކުރީ ސީދާ މާލޭގެ ރައްޔިތުންގެ ވޯޓަކުންނެވެ. އެހެންކަމުން މިހާރުގެ މޭޔަރަކީ މާލޭ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރެވެ.