ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް ހާއްސަ ލުއިތަކެއް އަލުން ދިނުމާ ގުޅޭގޮތުން މަޝްވަރަ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދޭނެ ލުއިތައް އިއުލާން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެހެންމެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަކީ ވެކްސިން ޖެހުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނުނުވެ ރަށް ރަށަށް ދަތުރު ކުރެވޭނެ ފަދަ ލުއިތަކެއް ދީފަ އެވެ. އެއިރު ލުއިި ދިނީ އާބާދީގެ 30 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ރަށްތަކަށް ކަރަންޓީނު ނުވެ ދެވޭ ގޮތަށެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން ވަނީ ވެކްސިނާ ގުޅިގެން ދިން ލުއިތަކަށް އަމަލުކުރުން ފަސްކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން މާލޭގައި އެޅި ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ހަފްތާއަކު އެއްފަހަރު ލުއިތައް ދެމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.