ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ބަލާލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ބަލާލުމުގެ ފުރުސަތު މިމަހުގެ 26 ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ ފްލެޓަކުން ވެސް ފްލެޓް ބަލަން އާދެވޭނީ ދެ މީހުންނަށް ކަމަށް ވެސް އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓް ބަލަން އަންނަ ފަރާތްތަކުގެ އައިޑީ ކާޑް ގެނުމަށާއި ވެރިފަރާތައް ހާޒިރުނުވެވޭ ނަމަ، ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެނުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މި މުއްދަތުގައި ފްލެޓް ބަލަން ނާދެވޭ ފަރާތްތަކަށް ފްލެޓް ދެއްކުމަށް ހަމަޖެހިފައިވަނީ ފްލެޓް އެގްރިމަންޓްގައި ސޮއި ކުރާ ދުވަހު ކަމަށެވެ. ފުލެޓް ލިބުނު ފަރާތްތަށް ފްލެޓް ދައްކާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ފުލެޓު ލިބުނު ފަރާތްތަކުން ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ މިންތައް ނެގުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެކުންފުނިން ބުނެ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ޖުލައި 14 ގައި އެގްރިމަންޓްގައި ސޮއިކުރަން ފަށައި، ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓް ލިބުނު ފަރާތަކާއެކު އެގްރިމެންޓްގައި ސޮއިކުރުން ނިންމާލެވޭނެ ކަމަށެވެ. އަދި އެގްރިމަންޓްގައި ސޮއި ކުރާ ދުވަހު ފުލެޓްގެ ދަޅުތަނޑި ހަވާލުކުރެވޭނެ ކަމަށް ވެސް ސުހަައިލް ވަނނީ ވިދާޅުވެފަ އެވެ.