ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު 190،000 އަށް އަރައިފި އެވެ.

އެޗްޕީއޭގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 698 މީހުންގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 237 މީހުން ހިމެނެ އެވެ. އަދި އަތޮޅުތަކުން 461 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ 190،227 އަށް އަރައިފަ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 316،847 އަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ހަ ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެ އެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް ދެ މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. މީގެ ތެރެއިން މިހާރު ޖަހަމުން އަންނަނީ ހަމައެކަނި ސިނޮފާމް ވެކްސިނެވެ.