ހުޅުމާލެއިން ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން މައްސަލައިގެ ތަހުގީގަށް ރާއްޖެ ނައިސް ސްރީލަންކާގައި ހުރީ ބަޔަކު ބިރު ދައްކާތީކަމަށް ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ހައިކޯޓުގައި މިއަދު ބުނެފި އެވެ.
އަންމަޓީ ތަހުގީގަށް ފިލައިގެން އުޅެނިކޮށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެ އޭނާ ވަނީ ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފަ އެވެ. އޭނާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް އަންމަޓީ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުގެ މިއަދު މައްސަލައިގެ އަޑު އެހުމުގައި އަންމަޓީ ބުނީ އޭނާ ސްރީލަންކާގައި އުޅުނީ ތަހުގީގަށް ފިލަން ވެގެން ނޫން ކަމަށާއި އެ ގައުމުގައި އުޅެން ޖެހުނީ ބަޔަކު އޭނާއަށް ބިރު ދައްކާތީ ކަމަށެވެ.
ޝަރީއަތުގައި އަންމަޓީގެ ފަރާތުން ވާހަކަދައްކަވަމުން ދިފާއީ ވަކީލް އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން މިއަދު ވިދާޅުވީ ސީލައިފާއި އެޗްޑީސީއާއި ދެމެދު ހަދާފައިވާ އެއްބަސްވުން އެޗްޑީސީން އުވާލުމާ ގުޅިގެން ހައުސިން ޔުނިޓްތައް އެޅިފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި ފައިސާ ނަގާފައިވާ އާންމުންގެ މީހުން ސީލައިފް އޮފީސް ތަޅާލައި އޭނާ އާއި އެކުންފުނީގެ ގާނޫނީ ވަކީލް ހަސަން ފަލާހަށް ފަރުދީ ގޮތުން ބިރުދައްކާފައިވާ ކަމަށެވެ.
އަންމަޓީ ލަންކާއަށް ދިޔައީ ފައިސާ ނަގާފައިވާ ފަރާތްތަކުގެ ނުރައްކާ އޮތުމުން ކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މައްސަލަ ސިޓީއަކުން ފުލުހަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމަށެވެ.
މުހުތާޒް ވިދާޅުވީ އަންމަޓީގެ ތަހުގީގު ފެށިއިރު ވެސް އޭނާ ހުރީ ލަންކާގައި ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގަށް ފިލާފައިނުވާ ކަމަށާއި ދެން ވެސް ނުފިލާނެ ކަމަށް އޭނާ ބުންޏެވެ.
އަންމަޓީގެ ފަރާތުން ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ، އޭނާގެ މުވައްކިލު އަންމަޓީ ދިޔައީ ސްރިލަންކާގައި ހުރިއިރު ވެސް ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށެވެ. އަދި އަންމަޓީ ރާއްޖެ އައިސްފައި ވަނީ ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާތީ އޭނާ އަމިއްލައަށް ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒުގެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުން ބުނީ، އަންމަޓީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައި ވާތީ މަޖުބޫރުވެގެން ކަމަށެވެ. އޭނާ ލަންކާއިން ޑީޕޯޓްކޮށްލީ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ފިލައިފާނެކަމުގެ އިހުތިމާލް އޮތް ކަމަށާއި މާޒީގައި ހިނގާފައިވާ ހާދިސާތަކުން އެކަން ހާމަވާން އެބައޮތް ކަމަށްވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ، އަންމަޓީގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ސީލައިފްގެ ކުރީގެ މުވައްޒަފުންނާއި ގެއްލުން ލިބުނު މީހުން ހެކިންގެ ތެރޭ ހިމެނޭއިރު އެމީހުންނަށް އަންމަޓީ ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އިންޓަޕޯލް ރެޑްނޯޓިސްގައި ވެސް އެކަން ފާހަގަކުރި ކަމަށް ދައުލަތުން ބުންޏެވެ.
އެހެންކަމުން އަންމަޓީ ހެއްކަށް ނުފޫޒު ފޯރުވައި ޝަރީއަތަށް ފިލައިފާނެތީ އާއި ކޯޓަށް ހާޒިރު ނުވެދާނެތީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ދެފަރާތުން ވާހަކަދެއްކުމަށް ފަހު ފުރުސަތު މިއަދު ވަނީ ދީފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީހެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ދައުލަތުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.