އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުންތައް ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމުތައް ފުރިހަމަކޮށް ހުށައަޅާފައިވާ ފަރާތްތަކަށް އެކަނި. އެހެންކަމުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމާއި، ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގައި ޒިންމާ އަދާކުރާނެ ފަރާތެއް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް އެޗްޑީސީން އެދޭ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި އަންނަ ބުދަ ދުވަހު ފަށާއިރު، އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުން އެކުލަލާވުލަމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހުށައެޅި ފަރާތްތަކަށް ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފި އެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ވަނީ ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތާވަލެއް އެކުލަވާލާ އާންމުކޮށް އިއުލާނު ކޮށްފަ އެވެ.

އެ ކުންފުނިން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުންތައް ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމުތައް ފުރިހަމަކޮށް ހުށައަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެހެންކަމުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމާއި، ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގައި ޒިންމާ އަދާކުރާނެ ފަރާތެއް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް އެޗްޑީސީން އެދެ އެވެ.

އެ ކުންފުނިން ބުނީ އަންނަ ބުދަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށި ނަމަވެސް އަދިވެސް ތަނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އެހެންވެ އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު "ގްރޭސް ފީރިއެޑް" ގެ ތިން މަސްދުވަސް ގުނަން ފަށާނީ ކަރަންޓާއި ފެނުގެ ހިދުމަތް ދެވުމުން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ވަނީ ކަރަންޓްގެ ހިދުމަތް އެއްކޮށް ފުރިހަމަ ނުވަނީސް ޓަވަރުތަކުގެ ލިފްޓުތައް ބޭނުންކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ ފްލެޓް ބޭނުންކުރަން ހުޅުވާލާނީ ކަރަންޓް ދީ ނިމުމުން ކަމަށް ވެސް ބުނެފަ އެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.