އެކި ކަހަލަ ޚިދުމަތްތައް ހޯދަން އަބަދުވެސް އެއްތަނަކަށް ނުވަތަ އެކެއްގެ ކައިރިން ޚިދުމަތް ހޯދުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. އެތަނަކުން ލިބޭ ޚިދުމަތާއި އަޅާލުން އެހެން ތަންތަނަށްވުރެ ތަފާތު ވާތީ އެތަނަކަށް ނުވަތަ އެމީހަކަށް ވަފާތެރި ކަސްޓަމަރެއްގެ ގޮތުގައި ހުރެވެނީ އެވެ.

އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ސޭމް ފާރްއަކީ މިފަދަ މީހެކެވެ. ފާއިތުވެ ދިޔަ ބައިގަރުނެއްހާ ދުވަހު އޭނާ ބޯ ކޮށުމުގެ ޚިދުމަތް ހޯދަމުން އައީ ބާތުގައި ހުންނަ ބޯކޮށާ ސެލޫނެއްގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށްވާ ޖޯ ޕޭސްގެ ކައިރިންނެވެ.

ސޭމް ވަނީ ޖޯގެ ކައިރިން އޭނާ ޚިދުމަތް ހޯދި އަހަރުތަކުގެ ތެރޭގައި އެކި ދުވަސްމަތިން ޚިދުމަތް ހޯދަމުން ދަނިކޮށް ފޮޓޯ ނަގާފަ އެވެ. މި ފޮޓޯތަކުން އެކި ދުވަސްވަރު އެ ދެ މީހުނަށް އައިސްފައިވާ ބަދަލުތަކާއި އުމުރުން ދުވަސްވަމުން އައިގޮތް ވަރަށް ރީއްޗަށް ދައްކައިދެ އެވެ.

ސޭމް ދިރި އުޅެނީ ބްރިސްޓަލްގައި ކަމަށް ވިޔަސް އޭނާ ބޯ ކޮށަންޖެހޭ ކޮންމެ ފަހަރަކު ޚިޔާރުކުރަނީ އެހެން ސިޓީއެއްގައި ހުންނަ ޖޯގެ ސެލޫންއަށް ދިއުމަށެވެ. ސޭމް ބުނިގޮތުގައި ގިނަ އަހަރުތަކެއް ފާއިތު ވެގެން ދިޔައިރު ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށާއި ނަމަވެސް ޖޯގެ ޚިދުމަތާއި އޭނާގެ އަޅާލުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

އޭނާގެ ވަފާތެރި ކަސްޓަމަރެއްކަމަށްވާ ސޭމް އާ ބެހޭގޮތުން ޖޯ ބުނީ ސޭމްއަށް ޚިދުމަތް ދިނުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށާއިި އަހަރުތަކުގެ ތެރޭގައި އެ ގުޅުން ރަހުމަތްތެރިކަމަށް ބަދަލުވެފައިވާ ކަމަށެވެ. މިހާރު އެދެ މީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި ސެލޫންގެ ބޭރުން ވެސް އެތަށް ފަހަރަކު ބައްދަލުވެފައިވާނެ ކަމަށް ޖޯ ބުންޏެވެ.

ކާމިޔާބު ވިޔަފާރިއެއް ކުރުމަށްޓަކައި ކަސްޓަމަރުންނާމެދު ރަނގަޅު ގުޅުމެއް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. ކަސްޓަމަރުންނަކީ ވިޔަފާރީގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށްވެފައި ވިޔަފާރި ކާމިޔާބުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ މީހުން ކަމަށް ވާތީ އެވެ.

ޖޯ އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިފަދަ ނަމޫނާއެއް ދައްކަމުންނެވެ. ސޭމްގެ އިތުރުން ވެސް އޭނާގެ ސެލޫނަށް ވަފާތެރި ގިނަ ކަސްޓަމަރުންތަކެއް އުޅޭ ކަމަށް ޖޯ ބުންޏެވެ.