ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓާއެކު ތަހުގީގު ފުރިހަމަ އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަހުގީގު ފުރިހަމަކޮށް ދަޢުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުއްވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެނެސް އެ ކުއްޖާ ވަނީ ވަޅުލާފަ އެވެ.
ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނު (27)އަހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަދި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރެ އެވެ.
ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ ކުއްޖާ ރަހީނުކޮށް މަރާލި މީހުން ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެކުއްޖާގެ ހަށިގަނޑު ހުޅުމާލެ އަށް ގެންދިއުމުގައި އެހެން މީހަކު ނުވަތަ އެހެން ބަޔަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ފޮށި ހުޅުމާލެއަށް ގެންގޮސް އެއްލާލި މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.