ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުން އޮތީ މިއަދު ނިއުދިއްލީގައި ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައި ކަމަށެވެ.
ކޮވިޑް ހާލަތުގައި ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖެއިން އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އެކަމަށްޓަކައި ވެސް އިންޑިއާ ސަރުކާރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރު ޝާހިދު ޖުލައި 22-24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދ. ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.