ދައުލަތުގެ ފަރާތުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެދުނު 9:00 އަށެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ވެސް ޕީޖީއަށް ފުލުހުން މިދިޔަ މަހު ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މި ހުރިހާ ދައުވާއަކަށް ވެސް ރައީސް ޔާމީން އިންކާރު ކުރައްވާފައިވާއިރު، އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ އެމަނިކުފާނުގެ މައުސޫމްކަން ހާމަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލްކޮށްފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެއަޑުއެހުން ވަނީ އެމަނިކުފާނު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފަ އެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހު އެވެ. އެ ހުކުމް އިއްވާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގަ އެވެ.