ރޫމީ ޖަފްރީ ޑައިރެކްޝަން އިން ނެރޭ އަމީތާބް ބައްޗަން އާއި އިމްރާން ހާޝްމީ ފެނިގެންދާ ފިލްމް "ޗެހެރޭ" ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދާފަ އެވެ.

މިފަހަރު އާންމުންގެ ސަމާލުކަން "ޗެހެރޭ" ހޯދާފައި މިވަނީ ފިލްމުގެ ޓައިޓްލް ޓްރެކް ހޯމަ ދުވަހު ރިލީޒް ކުރުމާ ގުޅިގެންނެވެ.

މި ހަފްތާ ތެރޭގައި ސިނަމާތަކުގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ޓައިޓްލް ޓްރެކް އާންމުކުރިކަން ހާމަކޮށްފައި ވަނީ އަމީތާބް ބައްޗަން ހޯމަ ދުވަހު ކުރި ޓްވީޓެއްގަ އެވެ.

އެއް މިނެޓާއި އެއް ތިރީސް ސިކުންތުގެ މި ޓައިޓްލް ޓްރެކްގައި ފެނިގެންދަނީ އަމީތާބް "ޗެހެރޭ" އައި ގުޅޭގޮތުން ވާހަކަ ދައްކާ މަންޒަރެވެ. ދިރިއުޅުމުގެ އެކިއެކި މަރްހަލާތަކުގައި އަންނަ ތަފާތު އިހްސާސްތައް ވެސް މި ފިލްމުގައި ދައްކުވައިދޭނެ އެވެ.

"ޗެހެރޭ" ގެ ޓައިޓްލް ކޮމްޕޯސް ކޮށްފައި ވަނީ ވިޝާލް ދަދްލާނީ އާއި ޝޭކަރް ރަވްޖިއާނީ އެވެ. އަދި މި ޓްރެކްގެ ލިރިކްސް ލިޔެފައި ވަނީ ރޫމީ ޖަފްރީ އެވެ.

އަމީތާބް ބައްޗަން އާއި އިމްރާން ހާޝްމީގެ އިތުރުން ކްރިސްޓަލް ޑިސޯޒާ، ރެހާ ޗަކްރަބަތީ، ސިއްދާންތް ކަޕޫރު، އަންނޫ ކަޕޫރު، ދްރިތިމާން ޗަޓެރްޖީ އާއި ރަގުބިރް ޔާދަވް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.